ކޮރޯނާވައިރަސް: ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ޖެނީވާ (ޖެނުއަރީ 31) - ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަކީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން މިރޭ އިއުލާންކޮށްފި އެވެ.


ސްވިޒަލެންޑުގެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮން ގެބްރެޔެސުސް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލިކަށި ސިއްހީ ނިޒާމު ހުރި ގައުމުތަކުގައި ވައިރަސް ބޮޑަށް ފެތުރިދާނެތީ ކަމަށެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ އެންމެ ބޮޑު ސަބަބަކީ ޗައިނާގައި ހިނގަމުންދާ ކަންކަމެއް ނޫން. އެކަމަކު އެހެން ގައުމުތަކުގައި ހިނގާ ކަންކަން،" ޑަބްލިއުއެޗްއޯގެ އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމުގައި ގެބްރެޔެސުސް ވިދާޅުވި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން މިރޭ އިއުލާން ކުރަނީ.

ޑަބްލިއުއެޗްއޯ އިން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް ޗައިނާ އަށް ދަތުރު ކުރުން މަނާކޮށް އަދި އެ ގައުމާ އެކު ވިޔަފާރި ކުރުން ހުއްޓާލަން ޖެހޭ ސަބަބެއް އަދި ނެތް ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ވޫހާން ސިޓީގައި ފެތުރެން ފެށި ކޮރޯނާވައިރަހުގެ ސަބަބުން ޗައިނާ އިން ވަނީ 170 މީހުން މަރުވެފަ އެވެ. އެ ވައިރަސް ވަނީ 7،711 މީހުންނަށް ޖެހިފަ އެވެ. ޑަބްލިއުއެޗްއޯ އިން ބުނީ ކޮރޯނާވައިރަސް މިހާތަނަށް ފެނިފައި ވަނީ 18 ގައުމުން ކަމަށާއި އެ ގައުމުތަކުގެ 98 މީހަކަށް ބަލި ޖެހިފައިވާ ކަމަށެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާ އިން އަޅަމުން އަންނަ ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯ އިން ވަނީ ތައުރީފްކޮށްފަ އެވެ.