47 އަހަރަށް ފަހު އިނގިރޭސިވިލާތް އީޔޫއިން ވަކިވެއްޖެ

ލަންޑަން (ފެބްރުއަރީ 1) - ޔޫރަޕިއަން ޔޫނިއަންގެ މެންބަރެއްގެ ގޮތުގައި 47 އަހަރު ހޭދަކުރުމަށް ފަހު، ހުކުރު ދުވަހުގެ ރޭ ޖީއެމްޓީން 11 ޖެހިއިރު އިނގިރޭސި ވިލާތް ރަސްމީކޮށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވެއްޖެ އެވެ.


އިނގިރޭސިން އީޔޫއިން ވަކިވުމާ ގުޅިގެން ލަންޑަނާއި އެހެން ސިޓީތަކުގައި ވަނީ އުފާފާޅު ކުރަން ރޭ ފަށައިފަ އެވެ. އީޔޫ އިން ވަކިވުމުގެ ގަޑިއެއްހާ އިރު ކުރިން ބޮޑު ވަޒީރު ބޮރިސް ޖޯންސަން ދެއްވި ބަޔާނެއްގައި ވިދާޅުވީ "މިއީ އެތައް ބަޔަކަށް ހައިރާން ކުރުވަނި އުފަލެއް ގެނައި ވަގުތެއް ކަމަށާއި މިއީ ކުރިން އެ މީހުން އުއްމީދުކުރި ވަގުތުކޮޅެއް ވެސް ނޫން" ކަމަށެވެ.

"އަޅުގަނޑުގެ މަސްއޫލިއްޔަތަކީ ގައުމު އެކަތިގަނޑަކަށް ހަދައި ކުރިއަށް ގެންދިއުން،" ޖޯންސަން ވިދާޅުވި އެވެ.

އިނގިރޭސިން އީޔޫ އިން ވަކިވި ނަމަވެސް 11 މަސް ދުވަހުގެ އިންތިގާލީ މަރުހަލާއެއް ލިބޭނެ އެވެ. އެ މުއްދަތުގައި އީޔޫގެ ގަވައިދުތަކަށް އިނގިރޭސި ވިލާތުން ވެސް ކިޔަމަންވާނެ އެވެ. ނަމަވެސް އީޔޫގެ ހުރިހާ ސިޔާސީ މުއައްސަސާއެއްގެ މެންބަރުކަން އިނގިރޭސި ވިލާތަށް ގެއްލޭނެ އެވެ. އީޔޫ ޕާލަމެންޓް މެންބަރުކަން ގެއްލޭ އިނގިރޭސި ވިލާތުގެ 73 މެންބަރުން ހިމެނެ އެވެ. އިންތިގާލީ މަރުހަލާގައި ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްގެ އަމުރު އިނގިރޭސި ވިލާތުގެ މައްޗަށް ވެސް ހިނގާނެ އެވެ.

އިންތިގާލީ މުއްދަތުގައި، ޑިސެމްބަރު 31، 2020 އާ ހަމައަށް ހަތް ކަމެއް މިހާރެކޭ އެއްގޮތަށް ހިނގާނެ އެވެ.

އިނގިރޭސިން އީޔޫން ވަކިވާ ވަގުތު ލަންޑަނުގެ މެދުތެރޭގެ ބިގް ބެން އިން ދައްކައިދެނީ. --ފޮޓޯ:އޭއެފްޕީ

މިހާރެކޭ އެއްގޮތަށް ހިނގާނެ ކަންކަން

1. ދަތުރު ފަތުރު: ފްލައިޓްތަކާއި ބޯޓުތައް އަދި ރޭލްތައް މިހާރެކޭ އެއްގޮތަށް އޮޕަރޭޓް ކުރާނެ އެވެ. އިންތިގާލީ މުއްދަތުގައި އިނގިރޭސި ވިލާތުގެ ރައްޔިތުންނަށް ވެސް އީޔޫ އެރައިވަލްސް އަށް ރިޒާވްކޮށްފައިވާ ކިޔޫގައި މަޑު ކުރެވޭނެ އެވެ.

2. ޑްރައިވިން ލައިންސަންސް: އިނގިރޭސި ވިލާތުގެ ޑްރައިވިން ލައިސަންސް މިހާރެކޭ އެއްގޮތަށް އީޔޫގެ ގައުމުތަކުގައި ބޭނުން ކުރެވޭނެ އެވެ.

3، ޔޫރަޕިއަން ހެލްތު އިންޝުއަރެންސް ކާޑް: އިނގިރޭސި ވިލާތުގެ ރައްޔިތުންނަށް ދޫކޮށްފައިވާ ޔޫރަޕިއަން ހެލްތު އިންޝުއަރެންސް ކާޑު އީޔޫގެ ގައުމުތަކުގައި ބޭނުން ކުރެވޭނެ އެވެ. ސްވިޒަލެންޑާއި ނޯވޭ އަދި އައިސްލެންޑުގައި ވެސް މި ކާޑު ބޭނުން ކުރެވޭނެ އެވެ.

4. އީޔޫގެ ގައުމުތަކުގައި ދިރިއުޅުމާއި ވަޒީފާ އަދާކުރުން: އިންތިގާލީ މަރުހަލާގައި މިހާރެކޭ އެއްގޮތަށް އިނގިރޭސިންނަށް އީޔޫގެ ގައުމުތަކުގައި ވަޒީފާ އަދާކޮށް ދިރިއުޅެވޭނެ އެވެ. ހަމައެގޮތަށް އިނގިރޭސި ވިލާތުގައި ދިރިއުޅެ، ވަޒީފާ އަދާކުރަން ބޭނުންވާ އީޔޫ މީހުންނަށް ވެސް މި އުސޫލް އޮންނާނެ އެވެ.

5. ޕެންޝަންސް: އީޔޫގެ ގައުމުތަކުގައި ދިރިއުޅޭ އިނގިރޭސި ވިލާތު މީހުންނަށް ސްޓޭޓް ޕެންޝަނާއި އަހަރީ ބޯނަސް ލިބޭނެ އެވެ.

6. ބަޖެޓަށް ދޭ އެހީ: އިންތިގާލީ މަރުހަލާގައި އީޔޫ ބަޖެޓަށް އިނގިރޭސި ވިލާތުން ދޭ އެހީ މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ އެވެ.

7. ވިޔަފާރި: އީޔޫ-ޔޫކޭ ވިޔަފާރީ އެއްވެސް އިތުރު ޗާޖެއް ނެގުމެއް ނެތި މިހާރެކޭ އެއްގޮތަށް ކުރިއަށް ދާނެ އެވެ.

އިނގިރޭސި ވިލާތުގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި، އީޔޫ އިން ވަކިވާން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ޖޫން، 2016 ގަ އެވެ.