ހެކިން ހާޒިރުކުރަން ދެކޮޅު ހެދުމުން މި ހަފުތާގައި ޓްރަމްޕް ސަލާމަތްވާނެ

ވޮޝިންޓަން (ފެބްރުއަރީ 1) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރަން ސެނެޓުގައި މިހާރު ކުރިއަށް ގެންދާ ޝަރީއަތަށް އިތުރު ހެކިން ހާޒިރު ކުރަން ނުފެންނަ ކަމަށް ފާސް ކުރުމުން މި ހަފުތާގައި ނަގާ ވޯޓުން ޓްރަމްޕް ސަލާމަތްވާނެކަން ޔަގީންވެއްޖެ އެވެ.


ޑިމޮކްރެޓިކުން މަސައްކަތް ކުރަމުން ދިޔައީ ސެނެޓުގެ ޝަރީއަތަށް އިތުރު ހެކިން ހޯދުމުގައި ރިޕަބްލިކަން ހަތަރު މެންބަރެއްގެ ވޯޓު ލިބޭނެ ކަމަށެވެ. އެހެންވީ ނަމަ އިތުރު މުއްދަތަކަށް ޝަރީއަތް ދެމުގެން ދިޔައީހެވެ. ނަމަވެސް އެންމެ ފަހުން ލިބުނީ ރިޕަބްލިކަން ދެ މެންބަރެއްގެ ތާއީދެވެ.

ސެނެޓުގެ ޝަރީއަތަށް އިތުރު ހެކިން ހާޒިރު ނުކުރެވުމުން ދެން އޮންނާނީ ޓްރަމްޕް ކުށްވެރިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ވޯޓަށް އެހުމެވެ. ރިޕަބްލިކަން މެންބަރުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ވޯޓު މި މަހު 5 ވަނަ ދުވަހު، އަންނަ ބުދަ ދުވަހު ބޭއްވުމަށެވެ. އެއީ ރައީސް ޓްރަމްޕް ރިޔާސީ ބަޔާން ދެއްވާތާ އެއް ދުވަސް ފަހެވެ.

ޓްރަމްޕުގެ ރިޕަބްލިކަން މެންބަރުން އެންމެ ބޮޑަށް މަސައްކަތް ކުރީ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ޝަރީއަތަށް ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ނުކުރެވޭތޯ ބެލުމަށެވެ. ސިޔާސީ ވާދަވެރިއެއް ކަމަށްވާ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލަ ތަހުގީގު ނުކުރަންޏާ ޔުކްރޭނަށް ދޭ އަސްކަރީ އެހީ ހިފަހައްޓަން ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވި ކަމަށް، ބޯލްޓަން ނެރުއްވާ އާ ފޮތުގައި ވަނީ ލިޔުއްވައިފަ އެވެ. ބޯލްޓަން ހާޒިރުކޮށް ހެކި ބަސް ނެގި ނަމަ މުޅި ޝަރީއަތް އެހެން ގޮތަކަށް ބަދަލުވެ ވޯޓުގެ ނަތީޖާ ވެސް ތަފާތުވުން އެކަށީގެންވާ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ނަމަވެސް މިހާރު އެ ފުރުސަތެއް ނެތެވެ.

ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ބޯލްޓަން (ވ) އާއި ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:ރޮއިޓާސް

ޓްރަމްޕް މަގާމުން ދުރުކުރަން ފާސްކުރަން 100 މެންބަރުން ހިމެނޭ ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާނެ އެވެ. ނަމަވެސް ސެނެޓުގައި ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮތުމާ އެކު 67 ވޯޓު ހޯދުމަކީ ނާދިރު ކަމެކެވެ. ސެނެޓުގައި ރިޕަބްލިކަން 53 މެންބަރުން ތިބެ އެވެ. ޑިމޮކްރެޓިކް ޕާޓީގައި ތިއްބެވީ 45 މެމްބަރުންނެވެ. މިނިވަން ދެ މެމްބަރަކު ތިއްބަވަ އެވެ. އެ ދެ މެމްބަރުން އާންމުކޮށް ވޯޓު ދެއްވަނީ ޑިމޮކްރެޓިކް ޕާޓީން ބޭނުންވާ ގޮތަށެވެ. ޓްރަމްޕާ ދެކޮޅަށް ވޯޓު ދޭނެ ކަމަށް ރިޕަބްލިކަން އެއްވެސް މެންބަރަކު ބުނެފައެއް ނުވެ އެވެ. އެހެންވެ ޓްރަމްޕް ކުށްވެރި ނުވެ ސަލާމަތްވާނެކަން މިވަނީ ޔަގީންވެފަ އެވެ.

ޓްރަމްޕުގެ އިމްޕީޗްމަންޓް މަރުހަލާތައް ފަށާފައި ވަނީ ޔޫކްރޭނުގެ ރައީސް އަށް މިދިޔަ ޖުލައި މަހު ފޯނުން ގުޅުއްވައި ސިޔާސީ ވާދަވެރިއެއް ކަމަށްވާ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންއާ ދެކޮޅަށް ނާޖާއިޒް ފައިދާ ނެންގެވި މައްސަލައިގަ އެވެ. ޓްރަމްޕް އިމްޕީޗް ކުރަން ހައުސް އިން ފާސްކުރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވުމާއި ކޮންގްރެސްގެ މަސައްކަތްތަކަށް ހުރަސް އެޅުއްވުމުގެ ކުށުގަ އެވެ.

އެމެރިކާގެ ތާރީޚުގައި މީގެ ކުރިން އިމްޕީޗްކުރީ ދެ ރައީސެކެވެ. އެއީ 1868 ގައި އެންޑްރޫ ޖޯންސަން އާއި 1998 ގައި ބިލް ކްލިންޓަނެވެ. އެ ދެ ބޭފުޅުން ވެސް ސެނެޓްގެ ޝަރީއަތުން ސަލާމަތްވެވަޑައިގަތެވެ.

ރިޗަޑް ނިކްސަންއާ ދެކޮޅަށް އިމްޕީޗްމަންޓް ހުށަހެޅުމުން، އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެވެ. އެއީ އެމެރިކާގެ ތާރީޚުގައި އިސްތިއުފާ ދެއްވި ހަމައެކަނި ރައީސެވެ.