ޗައިނާގައި ވައިރަސް ފެތުރުމަކީ އެމެރިކާ އަށް ރަނގަޅެއް: ސެކްރެޓަރީ

ވޮޝިންޓަން (ފެބްރުއަރީ 3) - ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަހުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ފައިދާ ކުރާނެ ކަމަށް ކޮމާސް ސެކްރެޓަރީ ވިލްބާ ރޮސް ވިދާޅުވެއްޖެ އެވެ.


ފޮކްސް ބިޒްނަސް ނިއުސްއާ ވާހަކަ ދައްކަވަމުން ރޮސް ވިދާޅުވީ ޗައިނާގައި ވައިރަސް ފެތުރުމަކީ ނޯތު އެމެރިކާގައި ވަޒީފާގެ އިތުރު ފުރުސަތުތައް އުފެދޭނެ ކަމެއް ކަމަށެވެ.

ރޮސް މި މޭރުމުން ވާހަކަ ދެއްކެވުމުން އެމެރިކާ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ކޮންގްރެސްގެ ޑިމޮކްރެޓިކް މެންބަރު ޑޮން ބަޔާ ވަނީ ނުރައްކާތެރި ބައްޔެއްގައި އެތައް ބަޔަކު މަރުވަމުންދާ އިރު އެކަމުގެ އިގްތިސާދީ ފައިދާ ނެގުމުގެ ވާހަކަ ރޮސް ދެެއްކެވުމަކީ ހިތާމަހުރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެހެންވެ ކޮމާސް ޑިޕާޓްމަންޓުން ފަހުން ވަނީ ރޮސް ވިދާޅުވި ވާހަކަތަކުގެ ތަފްސީލް ދީފަ އެވެ. އެ ޑިޕާޓްމަންޓުޖން ބުނީ ރޮސް ވިދާޅުވެފައި ވަނީ ފުރަތަމަ ކަމަކީ ވައިރަސް ކޮންޓްރޯލް ކުރުމާއި ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ދިނުން ކަމަށެވެ.

އިގްތިސާދީ ބައެއް ތަޖްރިބާކާރުން ބުނާ ގޮތުގައި ޗައިނާގައި ވައިރަސް ފެތުރުމަކީ އެމެރިކާގެ އިގްތިސާދަށް ވެސް ގެއްލުންވާނެ ކެމެކެވެ. ސަބަބަކީ ޗައިނާ އަކީ އެމެރިކާގެ ބޮޑު މާކެޓަކަށްވާތީ އެވެ.

ވޫހާން ސިޓީގައި ޑިސެމްބަރު މަހު ފެތުރެން ފެށި ވައިރަސްގެ ސަބަބުން ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކާއި ކާރު އުފައްދާ ކުންފުނިތަކުން ޗައިނާގައި ހިންގާ ފެކްޓަރީތައް ވަނީ ބަންދުކޮށްފަ އެވެ. ބައެއް ތަޖްރިބާކާރުން ލަފާކުރާ ގޮތުގައި ވައިރަސްގެ ސަބަބުން ޗައިނާގެ އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ އެވެ. ވައިރަސްއާ ގުޅިގެން ޗައިނާ މީހުން އެތެރެވުން ވަރަށް ގިނަ ގައުމުތަކުން ވަނީ މަނާކޮށްފަ އެވެ.

ކޮރޯނާވައިރަހުގައި މިހާތަނަށް 361 މީހުން މަރުވެފައިވާ އިރު 17،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެ އެވެ.