އދ.ގެ އާ ސެކްރެޓަރީ ޖެނެރަލަކަށް ޕޯޗުގަލްގެ ގުޓަރޭޒް

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 5) - އދ.ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވާނީ ޕޯޗުގަލްގެ ކުރީގެ ބޮޑު ވަޒީރު އެންޓޯނިއޯ ގުޓަރޭޒް ކަމަށް އދ.ގެ ޑިޕްލޮމެޓަކު މިއަދު ވިދާޅުވެއްޖެ އެވެ.


އދ. އަށް ކަނޑައަޅާފައިވާ ރަޝިޔާގެ ސަފީރު އަދި ސަލާމަތީ މަޖިލީހުގެ މި ދައުރުގެ ރައީސް ވިޓަލީ ޗުރްކިން ވިދާޅުވީ އދ.ގެ އެންމެ މަތީ މަގާމަށް ވަޑައިގަންނަވާނީ އުމުރުފުޅުން 66 އަހަރުގެ ގުޓަރޭޒްކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ. އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ގުޓަރޭޒް ހޮވުމަށް ސަލާމަތީ މަޖިލީހުގައި ރަަސްމީކޮށް ވޯޓަށް އަހާނީ މާދަމާ އެވެ. ފަނަރަ މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހުގައި މިއަދު ވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާފައިވާ 10 ކެންޑިޑޭޓުންނަށް ސިއްރު ވޯޓެއް ނަގައިފަ އެވެ. އެއްވެސް ގައުމަކުން ގުޓަރޭޒް އަށް ދެކޮޅު ހަދައިފައެއް ނުވެ އެވެ. ސަލާމަތީ މަޖިލީހުން ގުޓަރޭޒްގެ ނަން ފާސްކުރުމަށް ފަހު ދެން ފޮނުވާނީ ޖެނެރަލް އެސެމްބްލީ އަށެވެ.

އދ.ގެ އާ ސެކްރެޓަރީ ޖެނެރަލް ގުޓަރޭޒް: ރެފިއުޖީންނާ ބެހޭ އެޖެންސީ ވަނީ 10 އަހަރު ހިންގަވާފައި. --ފޮޓޯ:ރޮއިޓާސް

އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީގެ އިސްވެރިޔާގެ މަގާމު 10 އަހަރު އަދާކުރައްވާފައިވާ ގުޓަރޭޒަކީ ކުރިން ވެސް ބެލެވުނު ގޮތުގައި ބާން ކީ މޫން އަށް ފަހު އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅާ އެވެ. ބާންކީ މޫންގެ ފަސް އަހަރުގެ ދެ ދައުރު މި އަހަރުގެ ނިޔަލަށް ހަމަވުމުން ގުޓަރޭޒް ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ގުޓަރޭޒް ސިޔާސީ ދާއިރާ އަށް ވެދެވަޑައިގަތީ 1976 ވަނަ އަހަރު އެވެ. އޭގެ ފަހުން ސޯޝަލިސްޓް ޕާޓީގެ ލީޑަރުކަން 1992 ވަނަ އަހަރު ހޯއްދެވި އެވެ. އަދި ޕޯޗުގަލްގެ ބޮޑު ވަޒީރުކަމުގެ މަގާމަށް 1995 ވަނަ އަހަރު ވަޑައިގެންނެވި އެވެ. ބޮޑު ވަޒީރުކަމުގައި 10 އަހަރު ހޭދަ ކުރެއްވުމަށް ފަހު އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީ ވަނީ 2005 އިން 2015 އަށް ހިންގަވައިފަ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ގުޓަރޭޒް ހޮވިވަޑައިގެންފައި މި ވަނީ އެ މަގާމަށް އަންހެން ބޭފުޅަކު ގެނައުމަށް ވަރަށް ބޮޑަށް ކެމްޕޭންކޮށްފައި ވަނިކޮށެވެ.

ގުޓަރޭޒުގެ އިތުރުން އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މި ފަހަރު ވާދަކުރައްވާފައި ވަނީ ބަލްގޭރިޔާގެ އިރިނާ ބޮކޮވާ، ނިއު ޒީލެންޑުގެ ހެލެން ކްލާކް، ކޮސްޓާ ރިކާގެ ކްރިސްޓިނާ ފިގުއެރެސް، މޮލްޑޮވާގެ ނަޓާލިއާ ގެރްމަން، ސާބިއާގެ ވުކް ޖެރެމިޗް، މެސެޑޯނިއާގެ ސުގްޖަމް ކެރިމް، ސްލޮވާކިއާގެ މިރޮސްލާވް ލަޖްކަކް، މޮންޓެނީގްރޯގެ އިގޯ ލުކްސިޗް، އާޖެންޓީނާގެ ސުސާނާ މަލްކޮރާ އަދި ސްލޮވޭނިއާގެ ޑެނީލޯ ޓާކް އެވެ.