ވައިރަސް ހުއްޓުވަން ޗައިނާގެ ފިޔަވަޅުތަކުން ފުރުސަތު ލިބިއްޖެ: ޑަބްލިޔުއެޗްއޯ

ނުރައްކާތެރި ކޮރޯނާވައިރަހާ ދެކޮޅަށް ޗައިނާ އިން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށާއި އެއާ އެކު މިހާރު ވަނީ މުޅި ދުނިޔޭގައި ބޮޑު ނުރައްކަލަކަށް ވުމުގެ ކުރިން މި ވައިރަސް ކޮންޓްރޯލްކުރުމަށް ފުރުސަތު ހުޅުވިފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.


ޑަބްލިޔުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިސަސް، އެ ޖަމިއްޔާގެ ޓެކްނިކަލް ބައްދަލުވުމެއްގައި ވަނީ ޗައިނާގައި ވައިރަސް ފެތުރެން ފެށި ސަރަހައްދުތަކަށް އިސްކަން ދީގެން އެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފް ކުރައްވައިފަ އެވެ. ނަމަވެސް ވައިރަސް ފެތުރެން ފެށި އިރު ޗައިނާ އިން އަމަލުކުރި ގޮތުން ސިއްހީ ތަޖުރިބާކާރުންގެ ފާޑުކިޔުން ޗައިނާ އަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

ޓެޑްރޯސް ވިދާޅުވީ ޗައިނާގައި ވައިރަސް ފެތުރެން ފެށި ވޫހާން އަދި އެ ސިޓީ ނިސްބަތްވާ ހުބޭއީ ޕްރޮވިންސްގެ އެތައް މިލިއަން ބަޔަކު އެހެން ތަންތަނަށް ދަތުރުކުރުން މަނާކުރުމަކީ ޗައިނާ އިން އެޅި ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ބަލި އުފަންވެގެން އައި ސަރަހައްދަށް އަމާޒުކޮށް ޗައިނާ އިން މި އެޅި ވަރުގަދަ ފިޔަވަޅުތަކާ އެކު، [ވައިރަސް ކޮންޓްރޯލްކުރުމަށް] މި ވަނީ ފުރުސަތު ލިބިފައި. އެހެންވެ މި ލިބުނު ފުރުސަތުގައި، ވައިރަސް އިތުރަށް ފެތުރުން ހުއްޓުވައި ކޮންޓްރޯލްކުރުމުގެ މަސައްކަތައިގެން އުޅެންވީ،" ތަރައްގީވެފައިވާ ގައުމުތަކުން މި ބައްޔާ ބެހޭ އެކަށީގެންވާ މައުލޫމާތު ފޯރުކޮށްނުދޭކަން ފާހަގަކުރައްވަމުން ޕެޑްރޯސް ވިދާޅުވި އެވެ.

ޕެޑްރޯސް މިގޮތަށް ވާހަކަ ދެއްކެވީ، ވައިރަސް ކޮންޓްރޯލްކުރުމުގައި އެންމެ ފުރަތަމަ އަމަލުކުރެވުނު ގޮތް ރަނގަޅު ނޫން ކަމާއި ދޯދިޔާ ސިޔާސަތުތަކެއް ގެންގުޅެވުނު ކަމަށް ޗައިނާ އިން ވަނީ އޭގެ އެއް ދުވަސް ކުރިން އެއްބަސްވެފަ އެވެ.

މިހާތަނަށް 24،500 އަށް ވުރެ ގިނަ މީހުންނަށް ވައިރަސް އަރައި 492 މީހަކު ވަނީ މަރުވެފަ އެވެ. ޗައިނާގެ އިތުރުން އެހެން ގައުމުތަކަށް ވެސް ވައިރަސް ފެތުރި ގައުމުތައް ވަނީ ތައްޔާރީ ހާލަތަށް އައިސްފަ އެވެ. ޗައިނާގައި އެކަނި ވެސް މި ވައިރަސް ޖެހުނު މީހުންގެ އަދަދު 24،300 އަށް އަރަ އެވެ. އެހެން ގައުމުތަކުން ފެނިފައިވަނީ ނިސްބަތުން ވަރަށް މަދު ކޭސްތަކެކެވެ.

ބަލީގައި މަރުވި މީހުންގެ ތެރެއިން 80 ޕަސެންޓަށް ވުރެ މަތީ ނިސްބަތެއް އުމުރުން 60 އަހަރުން މަތީގެ މީހުން ހިއްސާކުރެ އެވެ. އަދި 75 ޕަސެންޓް މީހުންނަކީ ވައިރަސް އެރި އިރު ސިއްހީ އެހެން މައްސަލައެއް ހުރި މީހުންނެވެ.

މި ވައިރަސް ޖެހުމުން ނޭވާލާ ނިޒާމު ހަލާކުވެ އެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ރޯގާ ޖެހުމާއި ހުން އައުމާއި ހިކިކޮށް ކެއްސުން ހިމެނެ އެވެ. މިއީ އާންމު ފްލޫތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ.