ޓްރަމްޕާ ދެކޮޅަށް ހެކިބަސް ދިން ދެ މީހުން ވަޒީފާ އިން ވަކިކޮށްފި

ވޮޝިންޓަން (ފެބްރުއަރީ 8) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިމްޕީޗްމަންޓް ތަހުގީގުގައި ކޮންގްރެސްގެ ދަށުގޭގައި ޓްރަމްޕާ ދެކޮޅަށް ހެކި ބަސް ދެއްވި ވައިޓް ހައުސްގެ ސީނިއާ ދެ އޮފިޝަލަކު މަގާމުން ދުރުކޮށްފި އެވެ.


މަގާމުން ފުރަތަމަ ދުކޮށްފައި ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ ޔޫކްރޭނާ ބެހޭ ޚާއްސަ މުޝީރު ލެފްޓިނެންޓް ކާނަލް އެލެގްޒެންޑާ ވިންޑްމަން އެވެ. އޭގެ ފަހުން މަގާމުން ވަކިކޮށްފައި ވަނީ ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުރި އެމެރިކާގެ ސަފީރު ގޯޑަން ސޮންޑްލޭންޑެވެ.

ވައިޓް ހައުސްގެ ސީނިއާ ދެ ބޭފުޅަކު މަގާމުން ވަކިކޮށްފައި ވަނީ އިމްޕީޗްމަންޓް ޝަރީއަތަށް ފަހު ޓްރަމްޕް ކުށްވެރިވޭތޯ ބެލުމަށް ސެނެޓުގައި ނެގި ވޯޓުން ސަލާމަތްވެވަޑައިގެންނެވިތާ ދެ ދުވަސް ފަހުންނެވެ. ބައެއް ފަރާތްތަކުން ލަފާ ކުރަނީ ޓްރަމްޕް މިހާރު އެ ވަނީ އިމްޕީޗްމަންޓުގައި ޓްރަމްޕާ ދެކޮޅަށް ވާހަކަ ދެއްކެވި ފަރާތްތަކުގެ ކިބައިން ބަދަލު ހިއްޕަވަން ފައްޓަވައިފަ އެވެ.

އިރާގު ހަނގުރާމައިގައި ޒަޚަމްވި އޮފިސަރެއް ކަމަށްވާ ވިންޑްމަންގެ ވަކީލް ޑޭވިޑް ޕްރެސްމަން ވިދާޅުވީ ވިންޑްމަންގެ މަގާމު ގެއްލުނީ ތެދަށް ވާހަކަ ދެއްކުމުގެ ސަބަބުން ކަމަށެވެ.

ސޮންޑްލޭންޑް ވިދާޅުވީ ޓްރަމްޕް ސަރުކާރުގައި ޚިދުމަތް ކުރުމަކީ އޭނާ އަށް ލިބުނު އުފަލެއް ކަމަށެވެ.

ސެނެޓުގެ ވޯޓަށް ފަހު ޓްރަމްޕް ވަނީ ވައިޓް ހައުސްގެ މަގާމުތަކަށް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.