ތައިލެންޑު ސިފައިންގެ މީހަކު ދިން ބަޑީގެ ހަމަލާތަކުގައި 20 މީހުން މަރު

ބެންކޮކް (ފެބްރުއަރީ 8) - ތައިލެންޑުގެ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ނަކޮން ރަޓްޗަސިމާގައި ސިފައިންގެ މީހަކު ބަޑިޖަހައި 20 މީހުން މިއަދު މަރާލައިފި އެވެ.


ޖޫނިއާ އޮފިސަރެއް ކަމަށްވާ ޖަކްރަޕަންތު ރޮއްމާ ވަނީ ކޮމާންޑިން އޮފިސަރަކު ވެސް މަރާލައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އަސްކަރީ ކޭމްޕަކުން ހަތިޔާރު ވަގަށް ނަގައިފަ އެވެ. ހަތިޔާރުތަކާ އެކު އޭނާ ވަނީ އަސްކަރީ ވެހިކަލެއްގައި ދަތުރުކޮށްފައި ގޮސް ޓާމިނަލް 21 ޝޮޕިން ސެންޓަރަށް ވަދެ ފިލައިފަ އެވެ. އެ ޝޮޕިން ސެންޓަރަށް ދިޔަ މަގު މަތީގައި ވެސް އޭނާ ވަނީ ހަމަލާދީފަ އެވެ. ހަމަލާގެ މަންޒަރުތައް އޭނާ ވަނީ ފޭސްބުކުން ލައިވް ވެސް ކޮށްފަ އެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އޭނާ އަދިވެސް ވީ ޓާމިނަލް 21 ގެ ތެރޭގަ އެވެ. ފުލުހުން މިހާރު ވަނީ އެ ސެންޓަރު ބަންދުކޮށްފަ އެވެ. ޑިފެންސް މިނިސްޓްރީން މިރޭ ބުނީ އޭނާ އަދިވެސް އަތުނުވާ ކަމަށެވެ. އެހެންވެ ޝޮޕިން ސެންޓަރު ހިމެނޭ ސަރަހައްދަށް މީހުން ބޭރަށް ނުކުމެ ނޫޅެން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސިފައިންގެ މީހާ ހަމަލާ ދިނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގެ އެވެ. ބެންކޮކް ޕޯސްޓުން ބުނި ގޮތުގައި އެއީ 32 އަހަރުގެ ޒުވާނެކެވެ.