ސްޓާފަކު ވައިރަހަށް ޕޮޒިޓިވްވުމުން ސިންގަޕޫރުގެ އެންމެ ބޮޑު ބޭންކުގެ 300 މީހުން ގެއަށް

ސިންގަޕޫރު (ފެބްރުއަރީ 12) - ކޮރޯނާވައިރަހަށް ސްޓާފަކު ޕޮޒިޓިވްވުމާ ގުޅިގެން ސިންގަޕޫރުގެ އެންމެ ބޮޑު ބޭންކް ޑީބީއެސް އިން ގާތްގަނޑަކަށް 300 މުވައްޒަފުން މިއަދު ގެއަށް ފޮނުވާލައިފި އެވެ.


ގެއަށް ފޮނުވާލި 300 މުވައްޒަފުން ވެސް މަސައްކަތް ކުރަނީ އިމާރާތުގެ 43 ވަނަ ބުރީގަ އެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ފްލޯގައި މަސައްކަތް ކުރާ އެންމެން ގެއަށް ފޮނުވާލުމަށް ފަހު، އެ މީހުން ގޭގައި މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖައްސާފައި،" ޑީބީއެސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސިންގަޕޫރުން ވަނީ މިހާތަނަށް އާ ކޮރޯނާވައިރަސް ކޮވިޑް-19 އަރާފައިވާ 47 މީހުން ފެނިފަ އެވެ.

ބޭންކުގައި މަސައްކަތް ކުރާ މުވައްޒަފުގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނާތީ އޭނާގެ ޓެސްޓް ހެދީ އަންގާރަ ދުވަހު އެވެ. އޭނާގެ ހަށިގަނޑުގައި ވައިރަސް ހުރިކަން ޔަގީންވީ ބުދަ ދުވަހު އެވެ. ޕޮޒިޓިވްވި މުވައްޒަފާ އެކު އުޅުނީ ކޮން ބައެއްތޯ ބެލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އިމާރާތުގެ ކޮމަން އޭރިއާތައް ކަމަށްވާ ލިފްޓާއި ފާޚާނާތައް ވަރަށް ބޮޑަށް ސާފުކޮށް ބޭސް ވަނީ ޖަހައިފަ އެވެ.

ގެއަށް ފޮނުވާލި މުވައްޒަފުންނަށް މާސްކާއި ތަމޯމީޓަރާއި މެޑިކަލް ކެއާ ޕެކެއް ވަނީ ދީފަ އެވެ. ބޭންކުން ވަނީ މެޑިކަލް ހެލްޕްލައިނެއް ގާއިމްކޮށްދީފަ އެވެ.

ސިންގަޕޫރުން މިދިޔަ ހަފުތާގައި ވަނީ "ޑިޒީޒް އައުޓްބްރޭކް ރެސްޕޮންސް ސިސްޓަމް ކަންޑިޝަން" އޮރެންޖަށް މަތިކޮށްފަ އެވެ. އޭގެ މާނައަކީ ބަލީގެ ނުރައްކާ ބޮޑު ކަމަށާއި ފަސޭހައިން ގައިންގަޔަށް ފެތުރޭ ކަމެވެ.