އިންޑިއާ ޕާލަމެންޓް މެންބަރުންގެ ކުށުގެ ރެކޯޑް އިންތިހާ އަށް މަތީގައި

ނިއު ދިއްލީ (ފެބްރުއަރީ 14) - އިންޑިއާގެ ޕާލަމެންޓް މެންބަރުންގެ ޖިނާއީ ކުށްތަކުގެ ރެކޯޑް މަތިވުމުން، ކުށުގެ ރެކޯޑް އޮތް ކެންޑިޑޭޓުންގެ ނަންތައް ހާމަކުރުމަށް ސިޔާސީ ޕާޓީތަކަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަންގައިފި އެވެ.


އިންޑިއާގެ އެންމެ މަތީ ކޯޓުން ބުނީ ގާނޫނު ހަދާ މަޖިލީހުގައި ކުށުގެ ރެކޯޑް އޮތް މެންބަރުން ތިބީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށާއި އެފަދަ ކެންޑިޑޭޓުން އިޚްތިޔާރުކުރި ސަބަބެއް ޕާޓީތަކުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ކުށުގެ ރެކޯޑް އޮތް ކެންޑިޑޭޓުންނާ ބެހޭ މައުލޫމާތު ޕާޓީތަކުގެ ވެބްސައިޓްތަކުގަ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމު ކުރުމަށް ވަނީ އިއްޔެ އިން ފެށިގެން 48 ގަޑިއިރު ދީފަ އެވެ.

މިދިޔަ އަހަރު އިންޑިއާގައި ބޭއްވި އާއްމު އިންތިޚާބުގައި އަލަށް ހޮވުނު ކެންޑިޑޭޓުންގެ ތެރެއިން 43 ޕަސެންޓް މެންބަރުންގެ ކުށުގެ ރެކޯޑް އޮތެވެ. ދެހާސް ސާދަ ވަނަ އަހަރު ކުށުގެ ރެކޯޑް އޮތް ކެންޑިޑޭޓުންގެ އަދަދަކީ 34 ޕަސެންޓެވެ. މި މައުލޫމާތު ހާމަކޮށްފައި ވަނީ އެސޯސިއޭޝަން ފޯ ޑިމޮކްރެޓިކް ރިފޯމްސް (އޭޑީއާރު) އިންނެވެ.

އަހަރުން އަހަރަށް ދަނީ ޕާލަމެންޓް މެންބަރުންގެ ކުށުގެ ރެކޯޑް އިތުރުވަމުންނެވެ. ދެހާސް ހަތަރު ވަނަ އަހަރު އަލަށް އިންތިޚާބުވި މެންބަރުންގެ ތެރޭން ކުށުގެ ރެކޯޑް އޮތް މީހުންގެ ނިސްބަތަކީ 24 ޕަސެންޓް ކަމަށްވާ އިރު 2009 ވަނަ އަހަރު އެ އަދަދު ވަނީ 30 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ.

ބައެއް މެންބަރުންގެ އާދައިގެ ކުށްތަކުގެ ރެކޯޑް އޮތް ނަމަވެސް އަނެއް ބައި މެންބަރުންގެ މީހުން މެރުމާއި ރޭޕުގެ ރެކޯޑް އެބައޮތެވެ.

އިންތިޚާބުތަކަށް ޕާޓީތަކުން "ސާފު" ކެންޑިޑޭޓުން ނުނެރެނީ ކީއްވެތޯ ސުޕްރީމް ކޯޓުން ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި ހަމައެކަނި އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ބަލައި "ކުށްވެރިން" އިންތިޚާބުތަކަށް ނެރުން ބަލައި ނުގަނެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.