ކޮވިޑް-19: ބަލި މީހުންނަށް ފަރުވާ ދޭ ނަރުހަކު ދަރިފުޅާ ބައްދަލުވި އަސަރުގަދަ ވަގުތުކޮޅު

ވޫހާން (ފެބްރުއަރީ 14) - ކޮރޯނާވައިރަސް ފެތުރޭ ޗައިނާގެ ހެނާން ޕްރޮވިންސްގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ނަރުހަކު އޭނާގެ އަންހެން ދަރިފުޅާ ބައްދަލުނުވާތާ އެއް ދުވަހެއް ފަހުން ބައްދަލުވުމުން ވެސް ދަރިފުޅާ ސަލާމްކޮށްލާކަށް ނުކެރުނެވެ؛ ވައިރަހުގެ ނުރައްކާ ބޮޑުވުމުންނެވެ.


ނަރުސް ހުރީ ރައްކާތެރިކަމުގެ ގޮތުން ހެދުން އަދި މާސްކް ވެސް އަޅައިގެންނެވެ. އޭނާގެ ދަރިފުޅު ފެނުމުން އެކަކު އެނަކަކާ ސަލާމްކޮށް ބައްދާލުމުގެ ބަދަލުގައި ދިނީ "އެއާ ހަގެއް" ނުވަތަ ދެ މީހުން ވެސް ވަކި ދުރުމިނެއްގައި ތިބެ އަތުގެ އިޝާރާތުން ރަމްޒީގޮތުން ބައްދާލުމެކެވެ. މަންމަ އާއި ދަރިފުޅު ބައްދަލުވި އަސަރުގަދަ އެ ވަގުތުކޮޅުގެ ވީޑިއޯ ޒިންހުއާ ނިއުސް އެޖެންސީން ވަނީ ޓްވީޓްކޮށްފަ އެވެ.

ޗައިނާގައި ކޮވިޑް-19 ވައިރަހުގެ ބަލި މީހުންނަށް ފަރުވާ ދޭ ނަރުހަކާއި އޭނާގެ ދަރިފުޅު (ވ) ބައްދަލުވި ވަގުތު "އެއާ ހަގެއް" ދެނީ.

ރަމްޒީ ގޮތުން ބައްދާލި ވަގުތު ދަރިފުޅަށް ދިޔައީ ބޭއިޚްތިޔާރުގައި ރޮވެމުންނެވެ. އެ ވަގުތު މަންމަ މަތިން ވަރަށް ހަނދާންވާ ކަމަށް އެ ކުއްޖާ ބުނެ އެވެ.

"މި ވައިރަސް ބަލިކޮށްލުމަށް ފަހު މަންމަ ގެއަށް ދާނަން،" ނަރުސް ބުނެލި އެވެ.

ހޮސްޕިޓަލްގައި މަސައްކަތް ކުރާ މީހުންނާ ގައިގޯޅިވުމުގެ ހުއްދަ ނެތުމުން، ދަރިފުޅު ގެއިން ގެނައި ކާތަކެތި ވެސް މަންމަ އަތަށް ދިނުމުގެ ބަދަލުގައި ތިރީގައި ބެހެއްޓީ އެވެ. އޭގެ ފަހުން، ދަރިފުޅު ދުރަށް ޖެހިލުމުން، މަންމަ އެ ތަކެތި ނަގައިގެން ދަމުން ދަރިފުޅަށް އިޝާރާތްކޮށް އަތް ވިހުރުވާލައި ސަލާމް ކުރެ އެވެ.

ޗައިނާގައި ކޮވިޑް-19 ވައިރަހުގެ ބަލި މީހުންނަށް ފަރުވާ ދޭ ނަރުހަކާ ބައްދަލުވި ވަގުތު އޭނާގެ ދަރިފުޅު ރޮނީ.

މި ވީޑިއޯ އަށް ފަހު ވަނީ ކޮވިޑް-19 ވައިރަސްއާ ދެކޮޅަށް ޗައިނާގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މެޑިކަލް ސްޓާފުންނަށް އެތައް ބަޔަކު ތައުރީފްކޮށްފަ އެވެ. ވައިރަސް މިހާތަނަށް ވަނީ 60،000 އަށް ވުރެ ގިނަ މީހުންނަށް އަރައިފަ އެވެ. އެ ބަލީގައި ވަނީ 1،350 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ޗައިނާގައި ކޮވިޑް-19 ވައިރަހުގެ ބަލި މީހުންނަށް ފަރުވާ ދޭ ނަރުހަކާއި އޭނާގެ ދަރިފުޅާ ބައްދަލުވި ވަގުތު "އެއާ ހަގެއް" ދެނީ.