ކޮވިޑް-19: ބަލީގައި ޗައިނާގައި ސިއްހީ 6 އޮފިޝަލުން މަރު

ވޫހާން (ފެބްރުއަރީ 15) - ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 1،500 އަށް އަރާފައިވާ އިރު އޭގެ ތެރޭގައި އެ ގައުމުގައި މަސައްކަތް ކުރާ ހަ މެޑިކަލް ސްޓާފުން ވެސް ހިމެނެ އެވެ.


ޗައިނާގައި ވައިރަސް އެރި މީހުން 65،000 އަށް އަރާފައިވާ އިރު ސިއްހީ އޮފިޝަލުންގެ ތެރޭން 1،716 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ޗައިނާގައި މަރުވި ސިއްހީ އޮފިޝަލުންގެ ތެރޭން އެންމެ ބޮޑަށް ފާހަގަ ކުރެވިފައި ވަނީ ކޮރޯނާވައިރަސް ފެތުރެމުންދާކަން އެންމެ ފުރަތަމަ ސަމާލުކަމަށް ގެނައި ޑޮކްޓަރު ލި ވެންލިއާންގް މި މަހު 7 ވަނަ ދުވަހު މަރުވުމުންނެވެ. ވައިރަސް އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސްގެ ހުވާންގެ ސެންޓްރަލް ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ 34 އަހަރުގެ ލޮލުގެ ޑޮކްޓަރު މަރުވުމާ ގުޅިގެން އެތައް ބައެއްގެ ނުރުހުން ޗައިނާ ސަރުކާރަށް އަމާޒުވި އެވެ.

ވައިރަހާ ދެކޮޅަށް މެޑިކަލް ސްޓާފުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. --ފޮޓޯ:އޭއެފްޕި

ކޮރޯނާވައިރަހުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ވޫހާން ސިޓީގައި ދަނީ 80،000 އަށް ވުރެ ގިނަ މެޑިކަލް ސްޓާފުން މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުގެ ވައިސް މިނިސްޓަރު ޒެންގް ޔިޒިން ވިދާޅުވީ ވޫހާން ސިޓީގެ 1،102 މީހުންނަށް ވައިރަސް އެރި ކަމަށެވެ. ހުބެއި ޕްރޮވިންސްގެ އެހެން ހިސާބުތަކުން ވަނީ 400 މެޑިކަލް އޮފިޝަލުންނަށް ވައިރަސް އަރައިފަ އެވެ. އޭނާ ވިދާޅުވީ ވައިރަސްއާ ދެކޮޅަށް މެޑިކަލް ސްޓާފުން ދަނީ އަރާމެއް ނެތި، ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ.