ކޮވިޑް-19: ބެއިޖިންއަށް ދާ އެންމެން 14 ދުވަހަށް ކަރަންޓީން ކުރަނީ

ބެއިޖިން (ފެބްރުއަރީ 15) - ޗައިނާގެ ވެރިރަށަށް ދާ އެންމެން 14 ދުވަހަށް ކަރަންޓީން ކުރުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ނިންމައިފި އެވެ.


ޑިސެމްބަރު މަހު ފަހުކޮޅުން ފެށިގެން ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ މި ފިޔަވަޅާ ޚިލާފުވާ ފަރާތްތަކަށް އަދަބަކާ ކުރިމަތިވުމުގެ ބިރު އޮތް ކަމަށް ޗައިނާގެ ރަސްމީ މީޑިއާ އިން ބުނެފައިވެ އެވެ.

ޗައިނާގެ އެއްވެސް ހިސާބެއްގައި ޗުއްޓީ ހޭދަކޮށް ނުވަތަ އެނޫން ވެސް ބޭނުމެއްގައި ދަތުރު ކުރުމަށް ފަހު ވެރިރަށަށް އެތެރެވާނަމަ "އަމިއްލަ އަށް ކަރަންޓީނުގައި ހުރުމަށް ނުވަތަ ކަރަންޓީން ސެންޓަރެއްގައި ހުރުމަށް" ބެއިޖިންގެ ވައިރަސް ޕްރިވެންޝަން ވޯކިން ގްރޫޕުން ވަނީ އަންގައިފަ އެވެ. އެ ގޮތަށް އެންގި އިރު ޗައިނާގެ އާ އަހަރުގެ ޗުއްޓީ އަށް އެކި ހިސާބުތަކަށް ދިޔަ މީހުން ވަނީ އެނބުރި އެ މީހުންގެ ވަޒަނަށް ދާން ފަށައިފަ އެވެ.

ބަލި މީހުންނަށް ފަރުވާ ދިނުމަށް ވޫހާންގައި ވަނީ ވަގުތީ ހޮސްޕިޓަލްތައް ހަދާފައި. --ފޮޓޯ:އޭއެފްޕީ

ބެއިޖިންގައި 20 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

ކޮރޯނާވައިރަސް 24 ގައުމަކުން ފެނިފައިވާރު ޗައިނާ އިން ބޭރުން ވައިރަސް އަރާފައި ވަނީ ގާތްގަނޑަކަށް 500 މީހުންގެ ހަށިގަނޑަށެވެ. އެންމެ ފަހުން ވައިރަސް ފެނިފައި ވަނީ އެފްރިކާގެ މިސްރުންނެވެ. މިސްރުގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެއީ އެ ގައުމުގެ ރައްޔިތެއް ނޫން ކަމަށެވެ. ވައިރަހުގައި ޗައިނާ އިން ބޭރުން މަރުވެފައި ވަނީ ތިން މީހުންނެވެ. އެއީ ފިލިޕީންސް، ހޮން ކޮން އަދި ޖަޕާނުންނެވެ.

ކޮވިޑް-19 ވައިރަހުގައި މިހާތަނަށް ވަނީ 1،500 މީހުން މަރުވެ 65،000 އަށް ވުރެ ގިނަ މީހުންނަށް ވައިރަސް އަރައިފަ އެވެ.