ކޮވިޑް-19: ބަލިޖެހޭ މީހުންގެ އަދަދު ދަށްވާ ކަމަށް ޗައިނާ އިން ބުނެފި

ވޫހާން (ފެބްރުއަރީ 16) - ކޮރޯނާވައިރަސް އަލަށް ޖެހޭ މީހުން ވޭތުވެދިޔަ ތިން ދުވަހު ދަށްވެފައިވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.


ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގައި އިއްޔެ މަރުވެފައި ވަނީ 142 މީހުން ކަމަށެވެ. އަދި ވައިރަސް އިއްޔެ އަރާފައި ވަނީ 2،009 މީހުންނަށް ކަމަށެވެ. ވައިރަސް ފެނުނު މީހުން ބުދަ ދުވަހު ކުއްލިއަކަށް މައްޗަށް ދިޔައީ ބަލި ޑައިގްނޯޒް ކުރާ ގޮތް ބަދަލު ކުރުމުންނެވެ. ސާމްޕަލް ނަގައިގެން ލެބޯޓްރީ ޓެސްޓް ކުރިން ހެދި ނަމަވެސް ފަހުން ވަނީ މޭގެ އެކްސް ރޭ ނަގައިގެން ބަލި ޓެސްޓް ކުރަން ފަށައިފަ އެވެ. އޭގެ ފަހުން މިހާރު ވަނީ އަދަދުތައް ދަށްވާން ފަށައިފަ އެވެ.

ޗައިނާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި މިހާރު ތިބީ ގާތްގަނޑަކަށް 68،000 މީހުންނެވެ. ބަލީގައި މަރުވެފައި ވަނީ 1،665 މީހުންނެވެ. ޗައިނާ އިން ބޭރުން ވައިރަސް ފެނިފައި ވަނީ ގާތްގަނޑަކަށް 30 ގައުމަކުން 500 ވަރަކަށް މީހުންގެ ހަށިގަނޑުންނެވެ. ޗައިނާ އިން ބޭރުން މަރުވެފައި ވަނީ ހަތަރު މީހުންނެވެ. އެއީ ފިލިޕީންސް، ހޮން ކޮން، ޖަޕާން އަދި ފްރާންސް އިންނެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔި ވިދާޅުވީ ބަލީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ބަލި ވަނީ "ކޮންޓްރޯލް ކުރެވޭފަދަ" ހާލަތެއްގައި ކަމަށެވެ.

"ބަލިން ރައްކާތެރިވުމާއި ކޮންޓްރޯލް ކުރުމަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައި،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ވަންގް ޔި ވިދާޅުވީ ބަލި އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސްގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދު ދަށަށްދާން ފަށާފައިވާ އިރު ބަލިން ރަނގަޅުވާ ރޭޓް ވެސް ވަރަށް މަތި ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސް ވެސް ވަނީ ވައިރަހާ ދެކޮޅަށް ޗައިނާ އިން އަޅަމުން އަންނަ ފިޔަވަޅުތަކަށް ތައުރީފް ކުރައްވައިފަ އެވެ.