ކޮވިޑް-19: ޗައިނާގައި ބޭނުންކުރާ ފައިސާ ވެސް "ކަރަންޓީންކޮށްފި"

ބެއިޖިން (ފެބްރުއަރީ 16) - ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ޗައިނާގައި ބޭނުން ކުރާ ފައިސާ، ޔުއާން ވެސް "ކަރަންޓީން" ކޮށްފި އެވެ.


ޗައިނާގެ މާކެޓުގައި މިހާރު ބޭނުންކުރާ ފައިސާތައް ވަނީ އަލްޓްރާވައިލެޓް ލައިޓް ނުވަތަ ގަދަ ހޫނަކުން ޑިސްއިންފެކްޓްކޮށް، އެ ފައިސާތައް ސީލްކޮށް، 14 ދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބަހައްޓަން ނިންމައިފަ އެވެ. ޗައިނާގެ ސެންޓްރަލް ބޭންކުން ބުނީ ސާކިއުލޭޝަނަށް ފައިސާ ނެރުމުގެ ކުރިން އެގޮތަށް ކަންތައް ކުރާނީ ވަކި ސަރަހައްދުތަކެއްގައި ކަމަށެވެ. ބޭނުމަކީ ފައިސާގެ ޒަރިއްޔާ އިން އެކަކު އަނެކަކުގެ ގަޔަށް ވައިރަސް ވާސިލްވުން ހުއްޓުވުމަށެވެ.

ޗައިނާގެ މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު ފޭން ޔިފެއި ވިދާޅުވީ ބޭންކުތަކުން އާއްމުންނަށް އާ ފައިސާ ދޫކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ. މަރުކަޒީ ބޭންކުން މިހާރު ވަނީ ހުބެއި ޕްރޮވިންސްގެ ސާކިއުލޭޝަން އަށް ހަތަރު ބިލިއަން ޔޫއާންގެ މުޅިން އާ ނޫޓު ނެރެފަ އެވެ.

"މިއީ ފައިސާ ބޭނުންކުރާ އިރު އާއްމުންގެ ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއް،" ފޭން ވިދާޅުވި އެވެ.

ޗައިނާގައި ނަގުދު ފައިސާ ގެންގުޅުމުގެ ބަދަލުގައި ގިނަ މީހުން މިހާރު ދަނީ މޯބައިލް ޕޭމަންޓަށް ބަރޯސާވަމުންނެވެ.

ޗައިނާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި މިހާރު ތިބީ ގާތްގަނޑަކަށް 68،000 މީހުންނެވެ. ބަލީގައި މަރުވެފައި ވަނީ 1،665 މީހުންނެވެ. ޗައިނާ އިން ބޭރުން ވައިރަސް ފެނިފައި ވަނީ ގާތްގަނޑަކަށް 30 ގައުމަކުން 500 ވަރަކަށް މީހުންގެ ހަށިގަނޑުންނެވެ. ޗައިނާ އިން ބޭރުން މަރުވެފައި ވަނީ ހަތަރު މީހުންނެވެ. އެއީ ފިލިޕީންސް، ހޮން ކޮން، ޖަޕާން އަދި ފްރާންސް އިންނެވެ.