ކޮވިޑް-19: ބަލި މީހުން ސަލާމަތް ކުރަން ޕްލާސްމާ ހަދިޔާ ކުރަނީ

ވޫހާން (ފެބްރުއަރީ 17) - ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ 20 މީހެއްގެ ޕްލާސްމާ، އެ ބަލީގެ ނުރައްކާތެރި ހާލަތުގައި ތިބި ބަޔަކަށް ފަރުވާ ދިނުމަށް ހަދިޔާކޮށްފި ކަމަށް ހުބައި ޕްރޮވިންސްގެ ކޮވިޑް-19 ސައެންޓިފިކް ރިސާޗް ޓީމުން ބުނެފި އެވެ.


ހުބެއި ޕްރޮވިންސްގެ ވެރިރަށް ވޫހާންގައި ޕްލާސްމާ ހަދިޔާ ކުރި މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކަމަށް ޒިންހުއާ ނިއުސް އެޖެންސީން ބުންޏެވެ. ކޮވިޑް-19 ގެ ނުރައްކާ ހާލަތުގައި ތިބި 12 މީހަކަށް ވަނީ ޕްލާސްމާ ފަރުވާ ދީފަ އެވެ. ޖިއާންގްޒިއާ ޑިސްޓްރިކްޓް ހޮސްޕިޓަލުން ބުނީ ޕްލާސްމާ ފަރުވާ ދިން މީހުން ބަލިން ރަނގަޅުވުމުގެ އަލާމާތްތައް 12 ގަޑިއިރު ތެރޭ ފެންނަން ފަށާފައިވާ ކަމަށެވެ.

ކޮރޯނާވައިރަހުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ޚާއްސަކޮށްފައިވާ ވޫހާން ޖިނީންޓަން ހޮސްޕިޓަލްގެ ވެރިޔާ ޒާންގް ޑިންގިޔޫ ވަނީ ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ ވީހާ ވެސް ގިނަ މީހުންގެ ޕްލާސްމާ ހަދިޔާ ކުރުމަށް އެދިވަޑައިގެންފަ އެވެ. ސަބަބަކީ ޕްލާސްމާ ފަރުވާ ދީގެން ނަތީޖާ ރަނގަޅު ކަމަށް ފެންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލްގައި އޮތް އިރު ނަރުހެއްގެ ފަރާތުން އެނގުނީ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ޕްލާސްމާ ހަދިޔާ ކުރެވިދާނެކަން. އެހެން ބަލި މީހުންނަށް އެހީވާން އަޅުގަނޑު ބޭނުންވޭ،" ކޮރޯނާވައިރަހުން ރަނގަޅުވެފައިވާ ޕްލާސްމާ ޑޯނާއެއް ކަމަށްވާ ލިއު ކިޔާ މީހަކު ބުންޏެވެ.