ކޮވިޑް-19: ވައިރަސްއާ ގުޅޭ ދިރާސާ ޗައިނާ އިން އާއްމުކޮށްފި

ބެއިޖިން (ފެބްރުއަރީ 18) - ޗައިނާގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އަރާފައިވާ ގާތްގަނޑަކަށް 70،000 މީހުންނާ ގުޅޭ ފުރަތަމަ ދިރާސާ ޗައިނާގެ ސިއްހީ އޮފިޝަލުން މިއަދު އާއްމުކޮށްފި އެވެ.


ޗައިނީޒް ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީސީޑީސީ) ގެ ޑޭޓާ އިން ދައްކާ ގޮތުގައި ބަލި ޖެހޭ މީހުންގެ 80 ޕަސެންޓް ކޭސް އަކީ އާދައިގެ ރޯގާއެއް ކަމަށެވެ. ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ބުނެފައިވެ އެވެ.

ރޯގާ ފެތުރެން ފެށި ފަހުން ޗައިނާ އިން މިހާތަނަށް ހެދި އެންމެ ބޮޑު ދިރާސާގައި ބުނެފައި ވަނީ އެންމެ ނުރައްކާ ބޮޑު ބަޔަކީ މެޑިކަލް ސްޓާފުން ކަމަށެވެ. ދިރާސާގައި ބުނެފައިވާ ގޮތުގައި ބަލި ޖެހޭ މީހުންގެ ނިސްބަތުން މަރުވާ ރޭޓަކީ 2.3 ޕަސެންޓެވެ. ބަލި އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސްގައި މީހުން މަރުވާ ރޭޓަކީ 2.9 ޕަސެންޓެވެ. ޗައިނާގެ އެހެން ހިސާބުތަކުގައި އެ ރޭޓް އުޅެނީ 0.4 ޕަސެންޓުގަ އެވެ.

ވައިރަސް އަރައިގެން އިއްޔެއާ ހަމައަށް މަރުވެފައި ވަނީ 1،868 މީހުންނެވެ. ވައިރަހަށް ވަނީ 72،436 މީހުން ޕޮޒިޓިވްވެފަ އެވެ. އިއްޔެ އެކަނި ވަނީ 98 މީހުން މަރުވެފަ އެވެ. މީގެ ތެރޭން 93 މީހުން މަރުވީ ހުބެއި ޕްރޮވިންސް އިންނެވެ. އަލަށް ވައިރަސް އިއްޔެ އަރާފައި ވަނީ 1،886 މީހެއްގެ ހަށިގަނޑަށެވެ. މީގެ ތެރޭން 1،807 މީހުން ފެނިފައި ވަނީ ހުބެއި ޕްރޮވިންސް އިންނެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރޭން 12،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ.

ކޮރޯނާވައިރަސް ޖެހިގެން ކުޑަ ކުއްޖަކު މަރުވެފައެއް ނުވޭ. --ފޮޓޯ:އޭއެފްޕީ

ޗައިނާ އިން ހެދި ދިރާސާގެ ޚުލާސާ

* ބަލި ޖެހޭ މީހުންގެ ތެރޭން 80.9 ޕަސެންޓް ކޭސް ނުރައްކަލެއް ނޫން. ނުރައްކަލީ 13.8 ޕަސެންޓް. އަދި އެންމެ ނުރައްކަލީ 4.7 ޕަސެންޓް.

* މަރުވާ ރޭޓް މަތީ 80 އަހަރުން މަތީގެ މީހުން.

* ކުޑަ ކުދިންގެ ތެރޭން 9 އަހަރާ ހަމައަށް އެއްވެސް ކުއްޖަކު މަރުވެފައެއް ނުވޭ. އަދި 39 އަހަރާ ހަމައަށް މަރުވާ ރޭޓަކީ 0.2 ޕަސެންޓް.

* އެހެން އުމުރުފުރާތަކަށް ބަލާއިރު 40 ގެ އަހަރުތަކުގެ މީހުންގެ ރޭޓަކީ 0.4 ޕަސެންޓް. ފަންސާހުގެ އަހަރުތަކުގެ މީހުންގެ ރޭޓަކީ 1.3 ޕަސެންޓް. ފަސްދޮޅަހުގެ އަހަރުތަކުގެ މީހުންގެ ރޭޓަކީ 3.6 ޕަސެންޓް އަދި 70 ގެ އަހަރުތަކުގެ މީހުންގެ ރޭޓަކީ 8 ޕަސެންޓް.

* ބަލި ޖެހޭ މީހުންގެ ޖިންސަށް ބަލާއިރު ފިރިހެނުން މަރުވާ ރޭޓަކީ 2.8 ޕަސެންޓް އަދި އަންހެނުން މަރުވާ ރޭޓަކީ 1.7 ޕަސެންޓް.

* އެހެން ބައްޔެއް ހުރި މީހެއް ނަމަ އެންމެ ނުރައްކާ ބޮޑީ ކާޑިއޯވެސްކިއުލާ ބަލިތައް. ދެން ހަކުރު ބަލި، ނޭވާލާ ނިޒާމުގެ ބަލިތައް އަދި ލޭމައްޗަށް ދިއުން.

މެޑިކަލް ސްޓާފުންނަށް އޮތް ނުރައްކަލާ ގުޅޭ ގޮތުން ދިރާސާގައި ބުނެފައި ވަނީ، މިހާތަނަށް 3،019 ހެލްތު ވޯކަރުންނަށް ވައިރަސް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭން ފެބްރުއަރީ 11 އާ ހަމައަށް ވަނީ ފަސް މީހުން މަރުވެފަ އެވެ. (ދިރާސާ ހަދާފައި ވަނީ ފެބްރުއަރީ 11 އާ ލިބުނު މައުލޫމާތުގެ މައްޗަށެވެ.)

ބަލި ޖެހޭ މީހުންނަށް ބަލާއިރު މިހާތަނަށް ރޯގާ ޕީކަށް އަރާފައި ވަނީ ޖެނުއަރީ 23-26 އަށެވެ. އޭގެ ފަހުން ވަނީ ފެބްރުއަރީ 11 އާ ހަމައަށް ދަށަށްދާން ފަށައިފަ އެވެ.