ކޮވިޑް-19: ވައިރަސް އަރައިގެން ވޫހާން ހޮސްޕިޓަލްގެ ޑިރެކްޓަރު މަރުވެއްޖެ

ވޫހާން (ފެބްރުއަރީ 18) - ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވެ، ވޫހާން ހޮސްޕިޓަލްގެ ޑިރެކްޓަރު މިއަދު މަރުވެފައިވާ ކަމަށް ޗައިނާގެ ރަސްމީ މީޑިއާތަކުން ބުނެފި އެވެ.


ހުބެއި ޕްރޮވިންސްގެ ވެރިރަށް ވޫހާންގައި މިދިޔަ ޑިސެމްބަރު ފަހު ފަހުކޮޅު ފެތުރެން ފެށި ރޯގާގައި އިއްޔެއާ ހަމައަށް މަރުވެފައި ވަނީ 1،868 މީހުންނެވެ. ވައިރަހަށް ވަނީ 72،436 މީހުން ޕޮޒިޓިވްވެފަ އެވެ.

ރަސްމީ ބްރޯޑްކާސްޓާ ސީސީޓީވީން ބުނީ ވޫހާންގެ ވުޗަންގް ހޮސްޕިޓަލްގެ ޑިރެކްޓަރު ލިއު ޒިމިން މިއަދު ހެނދުނު މަރުވީ އޭނާ އަށް ފަރުވާ ދޭން އެތައް މަސައްކަތެއް ކުރަމުން ދަނިކޮށް ކަމަށެވެ. ލިއު ޒިމިން އަކީ ކޮރޯނާވައިރަހުގައި ޗައިނާ އިން މަރުވި ހޮސްޕިޓަލެއްގެ އެންމެ ސީނިއާ މުވައްޒަފެވެ. އޭގެ ކުރިން ވަނީ ވޫހާން ސެންޓްރަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ލޮލުގެ ޑޮކްޓަރަކު ރޯގާގައި މަރުވެފަ އެވެ. އޭނާ އަކީ ކޮރޯނާވައިރަހުގެ ސަމާލުކަން ގެނައުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރި ޑޮކްޓަރެވެ.

ލިއު މަރުވިކަން އެންމެ ފުރަތަމަ ޗައިނާގެ ބައެއް މީޑިއާތަކާއި ބްލޮގަރުން ރޭ އިއުލާންކުރި ނަމަވެސް ފަހުން ވަނީ ޑިލީޓްކޮށްލައިފަ އެވެ. ފަހުން ބުނެފައި ވަނީ ލިއުގެ ފުރާނަ ސަލާމަތް ކުރެވޭތޯ ޑޮކްޓަރުން ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮރޯނާވައިރަހުގައި ޗައިނާ އިން މިހާތަނަށް ވަނީ ހަ މެޑިކަލް ސްޓާފުން މަރުވެފަ އެވެ. ވައިރަސްއާ ގުޅޭ ގޮތުން ޗައިނާ އިން އެންމެ ފަހުން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން 3،019 ހެލްތު ވޯކަރުންނަށް ވައިރަސް ވަނީ އަރައިފަ އެވެ.