ކޮވިޑް-19: ބަލިޖެހޭ މީހުން ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ

ވޫހާން (ފެބްރުއަރީ 20) - ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.


ޑިސެމްބަރު މަހު ފަހުކޮޅު ވޫހާން ސިޓީން ފެނުނު ވައިރަސް އަރައިގެން ޗައިނާ އިން މިހާތަނަށް ވަނީ 2،118 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނި ވަނީ 114 މީހުން މަރުވެފަ އެވެ. ވައިރަހަށް ވަނީ ގާތްގަނޑަކަށް 75،000 މީހުން ޕޮޒިޓިވްވެފަ އެވެ.

ނަމަވެސް ކޮވިޑް-19 ރޯގާ އަލަށް އެރި ކަމަށް ވޫހާން ސިޓީން އިއްޔެ ރިޕޯޓްކޮށްފައި ވަނީ ގާތްގަނޑަކަށް 600 މީހުންނެވެ. މިއީ ޖެނުއަރީ މަހު ފަހުކޮޅުން ފެށިގެން އެންމެ މަދުން ބަލި މީހުން ފެނުނު ދުވަހެވެ. އަދި މިއީ ޗައިނާގައި ބަލި ޖެހޭ މީހުންގެ އަދަދު ޖެހިޖެހިގެން ދަށަށް ދިޔަ ތިން ވަނަ ދުވަހު އެވެ. އަންގާރަ ދުވަހު ވަނީ 1،749 ބަލި މީހުން ފެނިފަ އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައި ވަނީ މިހާތަނަށް 16،000 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވިދާޅުވީ ބަލި ކޮންޓްރޯލްވުމުގެ އަލާމާތްތައް ފެންނަން ފަށާފައިވާ ކަމަށެވެ. އަދި ހެޔޮ ނަތީޖާތައް ފެންނަން ފަށާފައި ވަނީ ޗައިނާ އިން އަޅަމުންދާ ފިޔަވަޅުތަކުންކަން ލާއޯސްގައި އިއްޔެ ފެށި އާސިއާންގެ ބައްދަލުވުމުގައި ވަންގް ޔީ ވަނީ ފާހަގަކުރައްވައިފަ އެވެ.