ލަންކާ އެއާޕޯޓުގެ އާ ޓާމިނަލް ހަދަން ޖަޕާނުގެ ޓައިސޭ ކޯޕަރޭޝަނަށް

ކޮލަމްބޯ (ފެބްރުއަރީ 21) - ސްރީ ލަންކާގެ މައި އެއާޕޯޓުގެ އާ ޓާމިނަލް ހަދަން ޖަޕާނުގެ ޓައިސޭ ކޯޕަރޭޝަނަށް ހަވާލު ކުރުމަށް ނިންމައިފި އެވެ.


ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖާގަ ބޮޑު ކުރަން ހަދާ އާ ޓާމިނަލްގެ އަގަކީ 570 މިލިއަން ޑޮލަރެވެ. ޖަޕާން ސަރުކާރުން ފަންޑުކުރާ ޓާމިނަލް ނިމުމުން އެއާޕޯޓުގެ ކެޕޭސިޓީ އަހަރަކު 20 މިލިއަން ޕަސިންޖަރުންނަށް އިތުރު ކުރެވޭނެ ކަމަށް ލަންކާ ސަރުކާރުން ބުނެ އެވެ.

ސްރީ ލަންކާގައި މިހާތަނަށް އިންފްރާސްޓްރަކްޗާ ބޮޑެތި މަޝްރޫތައް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުނިތަކަށެވެ. ނަމަވެސް އަނެއްކާ ވެސް ޖަޕާނުގެ ކުންފުނިތަކަށް ވަނީ ލަންކާގެ ބޮޑެތި މަޝްރޫއުތައް ދޭން ފަށައިފަ އެވެ.

ލަންކާގައި ހަދާ 1.5 ބިލިއަން ޑޮލަރުގެ ލައިޓް ރެއިލް ސިސްޓަމަށް ފައިނޭންސް ކުރަން ނިންމާފައި ވަނީ ޖަޕާނުގެ އޯވަސީސް ޑިވެލޮޕްމަންޓް އެޖެންސީންނެވެ. މިއީ ލަންކާގެ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓެވެ.

ކުރީގެ ރައީސް އަދި މިހާރުގެ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި ވަނީ ޗައިނާ އިން ހަތް ބިލިއަން ޑޮލަރުގެ ލޯނު ނަގައިފަ އެވެ. ޗައިނާ އިން ނަގާފައިވާ ލޯނުތައް ނުދެއްކިގެން ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރުން 2017 ވަނަ އަހަރު ވަނީ ހަމްބަންޓޯޓާ ބަނދަރު ޗައިނާގެ ކުންފުންޏަކަށް 1.12 ބިލިއަން ޑޮލަރަށް 99 އަހަރަށް ދީފަ އެވެ.

ޗައިނާ އިން ލޯނު ނަގައިގެން ހެދި ބައެއް ޕްރޮޖެކްތަކުގެ ބޭނުމެއް ނުހިފެ އެވެ. ލަންކާގެ ދެކުނުގައި ޗައިނާ އިން ފަންޑުކޮށްގެން ހެދި ބައިނަލްއަގުވާމީ އެއާޕޯޓަކީ އެއްވެސް އެއާލައިނަކުން ބޭނުންކުރާ ތަނެއް ނޫނެވެ.