ކޮވިޑް-19: ޗައިނާގެ ޖަލުތަކަށް ވެސް ކޮރޯނާވައިރަސް ފެތުރިއްޖެ

ވޫހާން (ފެބްރުއަރީ 22) - ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އެ ގައުމުގެ ބައެއް ޖަލުތަކަށް ވެސް ފެތުރިއްޖެ ކަމަށް ޚަބަރުތައް ބުނެފި އެވެ.


ޗައިނާގެ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 450 އަށް ވުރެ ގިނަ ގައިދީންނަށް ކޮރޯނާވައިރަސް މިހާރު ވަނީ އަރައިފަ އެވެ.

ޑިސެމްބަރު މަހު ފަހު ކޮޅު ކޮރޯނާވައިރަސް ފެންނަން ފެށި ފަހުން ޗައިނާގެ އިރުމަތީގެ ޝަންޑޮން ޕްރޮވިންސްގެ ޖިނިން ސިޓީގެ 207 ގައިދީއަކު ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ. ޖަލުން ވައިރަސް ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ ފުލުސް އޮފިސަރެއް ކަމަށްވެ އެވެ. އޭގެ ފަހުން ބަލި ފެތުރެން ފެށުމުން އެ ޖަލުގެ ގައިދީން ވަނީ ވަކި ގޮޅިތަކުގައި ބައިތިއްބަން ފަށާފައި ކަމަށް ޚަބަރުތައް ބުނެ އެވެ.

ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސް އިން ބުނެފައި ވަނީ އެ ޕްރޮވިންސްގެ ޖަލުތަކުން ވައިރަހުގެ 271 ކޭސް ބުރާސްފަތި ދުވަހު ފެނިފައިވާ ކަމަށެވެ. އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައި ވަނީ ވޫހާން ވިމެންސް ޕްރިޒަން އިން ކަމަށް ޖަސްޓިސް މިނިސްޓްރީގެ ޕްރިޒަން އެޑްމިނިސްޓްރޭޝަން ޑިރެކްޓަރު ހޯ ޕިންގް ވިދާޅުވި އެވެ.

ފުލުހުންގެ ހަތް އޮފިސަރުން ވެސް ވައިރަހަށް ޕޮޒިޓިވްވި ކަމަށް ބުނެފައިވެ އެވެ. ވައިރަހަށް ގައިދީން ޕޮޒިޓިވްވާން ފެށުމުން ވަނީ ޝަންޑޮންގެ ކޮމިއުނިސްޓް ޕާޓީގެ އެންމެ ސީނިއާ އޮފިޝަލާއި ޖަސްޓިސް ޑިޕާޓްމަންޓުގެ ވެރިޔާ މަގާމުން ދުރުކޮށްފަ އެވެ.

އިރުމަތީގެ ޒެއިޖިއާން ޕްރޮވިންސްގެ ޖަލެއްގެ 27 މީހަކަށް ވަނީ ކޮވިޑް-19 ރޯގާ ޖެހިފަ އެވެ. ޗައިނާގެ އެހެން ޖަލުތަކުގައި ވެސް ވައިރަސް ފެތުރުނު ނަމަވެސް އެ މައުލޫމާތު ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ޒެޖިއާން ޕްރޮވިންޝަލް ޖަސްޓިސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ޒޫ ޒިއާބޯ ވިދާޅުވީ ޖަލުތަކުގައި ވައިރަސް ފެތުރުނު ނަމަވެސް އެއްވެސް ޖަލަކުން އަދި މިހާތަނަށް މީހަކު މަރުވެފައި ނުވާ ކަމަށެވެ.