މަރުވި ޒުވާން ޑޮކްޓަރުގެ ކައިވެނި ފަސްކުރީ ބަލި މީހުންނަށް ފަރުވާ ދޭން

ވޫހާން (ފެބްރުއަރީ 22) - ކޮރޯނާވައިރަހުގެ ބަލި މީހުންނަށް ފަރުވާ ދެމުން ދިޔަ 29 އަހަރުގެ ޒުވާން ޑޮކްޓަރު ޕެންގް ޔިންހުއާ މަރުވީ ޗައިނީޒް އާ އަހަރު އޭނާގެ ކައިވެނި ކުރަން ހުރިހާ ކަމެއް ނިންމަފައި ވަނިކޮށް ކަމަށާއި ނަމަވެސް ކައިވެނި ފަސްކުރީ ކޮރޯނާވައިރަހުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ކަމަށް ޒިންހުއާ ނިއުސް އެޖެންސީން ބުނެފި އެވެ.


ޑރ. ޔިންހުއާ މަސައްކަތް ކުރެއްވީ ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ވޫހާން ސިޓީގެ ޖިއަންގްޒިއާ ޑިސްޓްރިކްޓުގެ ޕީޕަލްސް ނަމްބަރު 1 ހޮސްޕިޓަލްގަ އެވެ. ކޮރޯނާވައިރަސް އަރައިގެން ޒުވާން ޑޮކްޓަރު އެޑްމިޓް ކުރީ ޖެނުއަރީ 25 ވަނަ ދުވަހު އެވެ.

ޑރ. ޔިންހުއާ ހޮސްޕިޓަލްގެ ބަލި އެނދުގައި. --ފޮޓޯ:ބިޒިނަސްއިންސައިޑާ

ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުއްޕާމޭގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރު ޔިންހުއާގެ ހާލު ގޯސްވާން ފެށުމުން ފަހުން ވަނީ ވޫހާންގެ ޖިނޯންޓަން ހޮސްޕިޓަލަށް އިތުރު ފަރުވާ އަށް ފޮނުވާފައި ކަމަށެވެ. އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް ޑރ. ޔިންހުއާ މަރުވީ ބުރާސްފަތި ދުވަހުގެ ރެ އެވެ. އޭނާގެ ލޯބިވެރިޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ޑރ. ޔިންހުއާ ޕްލޭންކޮށްފައި އޮތީ ނިމިދިޔަ ޗައިނީޒް އާ އަހަރުގެ ބަންދުގައި އޭނާގެ ލޯބިވެރިޔާއާ ކައިވެނި ކުރުމަށެވެ. ދެ މީހުން އެއްބަސްވެގެން ކައިވެނި ފަސްކުރީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ޑރ. ޔިންހުއާ އަށް އިތުރު ވަގުތު ހުސްކުރުމުގެ ގޮތުންނެވެ.

ޒިންހުއާ ނިއުސް އެޖެންސީން ބުނި ގޮތުގައި ކައިވެނީގެ ދައުވަތު ކާޑުތައް ފޮނުވާލުމަށް ވެސް ޑރ. ޔިންހުއާ އަށް ވަގުތު ލިބިވަޑައިނުގަތް ކަމަށެވެ. އެ ކާޑުތައް ހުރީ ޑޮކްޓަރުގެ އޮފީހުގެ މޭޒުގެ ވަތްގަނޑުގަ އެވެ.

ޑރ. ޔިންހުއާ މަރުވި ޚަބަރާ އެކު ޗައިނާގެ އެތައް ބަޔަކު އަންނަނީ އެ ގައުމުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ހިތާމަފާޅުކޮށް އެއީ ހަގީގީ ބަތަލެއް ކަމަށް ބުނަމުންނެވެ.

"މިފަދަ ބަތަލުންގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ. އެއްވެސް އަމިއްލަ އެދުމެއް ނެތި އެ މީހުންގެ ހުރިހާ ކަމެއް އެ ގުރުބާން ކުރީ ބަލި މީހުންނަށްޓަކައި،" ސޯޝަލް މީޑިއާގައި އެކަކު ބުނެފައިވެ އެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޗައިނާގައި ޑިސެމްބަރު މަހު ފަހުކޮޅު ފެތުރެން ފެށި ފަހުން ވަނީ އަށް މެޑިކަލް ސްޓާފުން މަރުވެފަ އެވެ. މީގެ ތެރޭން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ވައިރަހުގެ ސަމާލުކަން ފުރަތަމަ ގެންނަން މަސައްކަތް ކުރި ޑރ. ލީ ވެންލިއާން އެވެ. އުމުރުން 34 އަހަރުގެ ޑރ. ލީގެ މަރާ ގުޅިގެން ވަނީ ކަންކަން ސިއްރުކުރަން އުޅޭ ކަމަށް ބުނެ ޗައިނާ ސަރުކާރަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.