އެމެރިކާގައި ކޮރޯނާވައިރަހަށް ޓެސްޓްކުރެވެނީ އެންމެ ތިން ސްޓޭޓުން

ވޮޝިންޓަން (ފެބްރުއަރީ 22) - ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް-19 އަށް އެމެރިކާގައި ޓެސްޓް ކުރެވެނީ އެންމެ ތިން ސްޓޭޓުގައި ކަމަށް އެސޯސިއޭޝަން އޮފް ޕަބްލިކް ހެލްތު ލެބޯޓްރީސް (އޭޕީއެޗްއެލް) އިން ބުނެފި އެވެ.


ކޮރޯނާވައިރަހަށް އެމެރިކާގައި ޓެސްޓް ކުރެވެނީ ކެލިފޯނިއާ، ނެބްރާސްކާ އަދި އިލިނޮއިސްގަ އެވެ. އެހެން ސްޓޭޓަކުން ވައިރަހަށް ޓެސްޓް ކުރަން ބޭނުން ނަމަ ސާމްޕަލް ޖެހޭނީ ޔޫއެސް ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) މެދުވެރިކޮށް އެ ތިން ސްޓޭޓަށް ފޮނުވާށެވެ. އެމެރިކާގެ ޕަބްލިކް ހެލްތު ލެބޯޓްރީތައް ތަމްސީލްކުރާ އޭޕީއެޗްއެލް އިން ބުނީ ތިން ސްޓޭޓަށް ފޮނުވާ ސާމްޕަލްގެ ނަތީޖާ ލިބެން 24-48 ގަޑިއިރު ނަގާ ކަމަށެވެ.

ސީޑީސީން ބުނެފައި ވަނީ އެމެރިކާގެ ބައެއް ސްޓޭޓްތަކަށް މިދިޔަ ހަފުތާގައި ފޮނުވި ޓެސްޓިން ކިޓްތަކުގެ ނަތީޖާގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެހެންވެ އާ މެޓީރިއަލްތަކެއް ސްޓޭޓްތަކަށް ފޮނުވާނެ ކަމަށް ސީޑީސީން ބުނެފައިވެ އެވެ. އެކަމަކު ސީޑީސީން މިހާރު ބޭނުން ކުރާ ކިޓްތަކުގައި އެެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮރޯނާވައިރަހުގައި ޗައިނާ އިން މިހާތަނަށް ވަނީ 2،345 މީހުން މަރުވެފަ އެވެ.