ޗައިނާގައި ބަލި ޖެހޭ މީހުން ދަށަށް، އެހެން ގައުމުތަކުގައި މައްޗަށް

ވޫހާން (ފެބްރުއަރީ 23) - ކޮރޯނާވައިރަސް އަލަށް ޖެހޭ މީހުންގެ އަދަދު ޗައިނާގައި ދަށަށް ދާން ފަށާފައިވާ އިރު އެހެން ގައުމުތަކުގައި ބަލި ފެތުރޭ ރޭޓް މައްޗަށް ޖެހޭތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


ޗައިނާގައި ޑިސެމްބަރު މަހު ފަހުކޮޅު ފެތުރެން ފެށި އާ ކޮރޯނާވައިރަސް، ކޮވިޑް-19 މިހާރު ވަނީ 30 ގައުމަށް ފެތުރިފަ އެވެ. މެދުއިރުމަތިން ވެސް ރޯގާ ފެނި އީރާނުން އެކަނި ވަނީ ހަ މީހުން މަރުވެފަ އެވެ. ލުބުނާއި އިޒްރޭލުން ވެސް ވައިރަސް ވަނީ ފެނިފަ އެވެ. އިޓަލީގައި ހުކުރު ދުވަހު 78 އަހަރުގެ މީހަކު މަރުވެފައިވާ އިރު ހޮނިހިރު ދުވަހު ވެސް ވަނީ މީހަކު މަރުވެފަ އެވެ. ސައުތު ކޮރެއާ އިން ދެ ވަނަ މީހަކު މަރުވެފައިވާ އިރު އެ ގައުމުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 433 އަށް އަރައިފަ އެވެ.

އިޓަލީން މިހާރު ވަނީ 10 ޓައުނެއް ކަރަންޓީންކޮށްފަ އެވެ. އިޓަލީގެ ގާތްގަނޑަކަށް ބައި ލައްކަ މީހުންނަށް ވަނީ ގެއިން ބޭރަށް ނުނިކުމެ ތިބުމަށް އަންގައިފަ އެވެ.

އީރާނުން އިއްޔެ އެކަނި ވަނީ 10 މީހުންނަށް ވައިރަސް އަރައިފަ އެވެ. އެ ގައުމުން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 28 އަށް އަރައިފަ އެވެ. އީރާނުން އެންމެ ފުރަތަމަ ވައިރަސް ފެނުނު ގުމް ޕްރޮވިންސްގެ ސްކޫލްތަކާއި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފަ އެވެ. މީގެ އިތުރުން އީރާނުން ވަނީ އިރާގު ބޯޑަރު ބަންދުކޮށްފަ އެވެ. ކުވޭތުން ވަނީ އީރާނަށް ދަތުރު ކުރުން މަނާކޮށްފަ އެވެ.

ކޮވިޑް-19 ގައި ޗައިނާ އިން މިހާތަނަށް ވަނީ 2442 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނި ވަނީ 97 މީހުން މަރުވެފަ އެވެ. އޭގެ ތެރޭން އެކަކު ފިޔަވައި އެންމެން ވެސް މަރުވެފައި ވަނީ ހުބެއި ޕްރޮވިންސް އިންނެވެ.

ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައި ވަނީ ޗައިނާގައި އިއްޔެ އަލަށް ފެނިފައި ވަނީ ވައިރަހުގެ 648 ކޭސް ކަމަށެވެ. ހުބެއި ޕްރޮވިންސް އިން ބޭރުން ވައިރަހަށް ޕޮޒިޓިވްވީ 18 މީހުންނެވެ. ޗައިނާގައި ކޮވިޑް-19 އަރާފައިވާ މީހުންގެ އަދަދަކީ 76،936 އެވެ.