ކޮވިޑް-19: ސައުތު ކޮރެއާގައި ވައިރަހުގެ އެލާޓް ލެވެލް އެންމެ މައްޗަށް

ސޯލް (ފެބްރުއަރީ 23) - ކޮރޯނާވައިރަސް ސައުތު ކޮރެއާގައި ހަލުވިކަމާ އެކު ފެތުރެން ފެށުމުން، އެ ގައުމުގައި ވައިރަހުގެ އެލާޓް ލެވެލް އެންމެ މައްޗަށް ޖައްސާފައިވާ ކަމަށް ރައީސް މޫން ޖައި-އިން އިއުލާން ކުރައްވައިފި އެވެ.


ސައުތު ކޮރެއާގައި އިއްޔެ އެކަނިވެސް އަލަށް ވަނީ ކޮވިޑް-19 ވައިރަހުގެ 123 މީހުން ފެނިފަ އެވެ. އެ ގައުމުގައި މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 556 އަށް އަރައިފަ އެވެ. މިއީ ޗައިނާ ފިޔަވައި ވައިރަހަސް އަރާފައިވާ މީހުން ދެން އެންމެ ގިނަ ގައުމެވެ. ކޮރޯނާވައިރަހުގައި ސައުތު ކޮރެއާ އިން ވަނީ ހަތަރު މީހުން މަރުވެފަ އެވެ.

ސައުތު ކޮރެއާގެ ރައީސް މޫން (މ) ކެބިނެޓުގެ ބައްދަލުވުމެއްގައި މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

"ތަޖްރިބާކާރުންގެ ލަފައާ އެއްގޮތަށް ސައުތު ކޮރެއާގައި މި ވަނީ ވައިރަހުގެ އެލާޓް ލެވެލް އެންމެ މައްޗަށް ޖައްސާފައި،" ކެބިނެޓުގެ ބައްދަލުވުމަކަށް ފަހު ރައީސް މޫން ވިދާޅުވި އެވެ.

އޭނާ ވަނީ ވައިރަސް ކޮންޓްރޯލް ކުރުމުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމުގައި ފަސް ނުޖެހުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވައިފަ އެވެ.

ސައުތު ކޮރެއާގައި ވައިރަސް ހަލުވިކަމާ އެކު ފެތުރެން ފެށީ އެ ރޯގާ ޖެހިފައި ހުރި 61 އަހަރުގެ އަންހެނަކު ފައްޅިއަކަށް ދިއުމާ ގުޅިގެންނެވެ. ފައްޅިން ވަނީ 300 ވަރަކަށް މީހުންނަށް ވައިރަސް އަރައިފަ އެވެ.

ސައުތު ކޮރެއާ އަށް ދަތުރު ނުކުރުމަށް ބައެއް ގައުމުތަކުން މިހާރު އަންނަނީ އިލްތިމާސް ކުރަމުންނެވެ.