ކޮވިޑް-19: ވެކްސިންގެ ޓެސްޓްތައް އެޕްރީލް މަހު

ބެއިޖިން (ފެބްރުއަރީ 23) - މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަހަށް ފަރުވާ ދޭން އުފައްދާ ވެކްސިންގެ ކްލިނިކަލް ޓެސްޓްތައް އަންނަ އެޕްރީލް މަހު ފަހުކޮޅު ފެށޭނެ ކަމަށް ބެއިޖިން އިން ބުނެފި އެވެ.


ޗައިނާގެ މެދުތެރޭގެ ހުބެއި ޕްރޮވިންސް އިން ޑިސެމްބަރު މަހު ފަހުކޮޅު ވައިރަސް ފެނުނު ފަހުން ދުނިޔޭގެ އެކި ހިސާބުތަކުގެ ޕަބްލިކް އަދި ޕްރައިވެޓް ރިސާޗް ކުންފުނިތަކުން ދަނީ ކޮރޯނާވައިރަހަށް ވެކްސިނެއް އީޖާދު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

"ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރު ކުރުމަށް ވަރަށް ގިނަ ރިސާޗް ޓީމުތަކުން ދަނީ މަސައްކަތް ކުރަމުން. ކްލިނިކަލް ޓެސްޓްތަކަށް އެންމެ އަވަހަށް ވެސް ފޮނުވޭވަރު ވާނީ އެޕްރީލް މަހު ފަހުކޮޅު،" ޗައިނާގެ ވައިސް ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޒޫ ނަންޕިން ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ކޮރޯނާވައިރަހުގެ ވެކްސިނެއް ލިބެން އަހަރެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވެސް ނަގާނެ ކަމަށެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޒެންގް ޔިޒިން ވިދާޅުވީ ކޮވިޑް-19 ގެ ވެކްސިނެއް އިޖާދު ކުރުމަށް ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މީގެ ތެރޭން ބައެއް ޕްރޮޖެކްޓްތައް މިހާރު ވަނީ ޖަނަވާރުން ބޭނުންކޮށްގެން ޓެސްޓް ކުރުމުގެ މަރުހަލާގައި،" އޭނާ ވިދާޅުވި އެވެ.