މެލޭޝިއާގެ ބޮޑުވަޒީރު މަހާތިރު އިސްތިއުފާ ދެއްވައިފި

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 24) - މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.


މަހާތިރު، 94، އިސްތިއުފާ ދެއްވާފައި މި ވަނީ އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ފަށާފައި ވަނިކޮށެވެ.

މަހާތިރު އިސްތިއުފާ ދެއްވި އިރު މީގެ ދެ އަހަރު ކުރިން، ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވެރިކަމުން ދުރުކުރަން އުފެއްދި ކޯލިޝަނުގެ ތެރޭގައި ވަނީ މައްސަލަ ޖެހިފަ އެވެ. ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފައިވާ ނަޖީބު ރައްޒާގު މަގާމުން ދުރުކުރުމަށް އޭރު އެއްބަސްވެފައި ވަނީ ދެ އަހަރަށް ފަހު މަހާތިރު އިސްތިއުފާ ދެއްވާ ގޮތަށެވެ. އޭގެ ފަހުން ބޮޑު ވަޒީރުކަން ހަވާލު ކުރަން އޮތީ މަހާތިރުގެ ނައިބުކަން ކުރިން ކުރެއްވި އަންވަރު އިބްރާހިމަށެވެ.

މަހާތިރު ވެސް ވިދާޅުވެފައި ވަނީ ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވުމަށް ފަހު އަންވަރަށް މަގާމު ހަވާލު ކުރައްވާނެ ކަމަށެވެ. މަހާތިރު ވެރިކަމަށް ވަޑައިގެން މަހެއްހާ ދުވަސް ތެރޭ ވަނީ އަންވަރު، 72، އަށް ޝާހީ މައާފެއް ހޯއްދަވައިދެއްވައި، ޖަލުން މިނިވަންކޮށްފަ އެވެ.

މަހާތިރުގެ ޕަކަޓަން ހަރަޕަން ކޯލިޝަނުގައި ހިމެނޭ އަންވަރުގެ ޕާޓީ ކެދިލާން ރަކިއަތު (ޕީކޭއާރު) އިން ޕާލަމެންޓުގެ 48 ގޮނޑި ކޮންޓްރޯލް ކުރެ އެވެ. މެލޭޝިއާގެ ރަސްގެފާނާ މިއަދުގެ ވަގުތެއްގައި އަންވަރު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް ކޯލިޝަނުގައި ހިމެނޭ ބައިވެރިން މިދިޔަ ހަފުތާ ބަންދުގައި ވަނީ އަންވަރުގެ ޕާޓީ ނުހިމަނައި، އާ ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އަންވަރު ވިދާޅުވެފައި ވަނީ ކޯލިޝަނުގެ ތެރެއިން އޭނާ އަށް "ބޭވަފާތެރިވެއްޖެ" ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަންވަރު ބާކީކޮށް، އާ ސަރުކާރެއް އުފެއްދުމަށް މަޝްވަރާކޮށްފައި ވަނީ މަހާތިރުގެ ޕާޓީ، ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން އާއި ވެރިކަމުން ދުރުކުރި ނަޖީބު ރައްޒާގުގެ ޕާޓީ އަދި އިސްލާމިކް ޕާޓީ ގުޅިގެންނެވެ.

އަންވަރު އިއްޔެ ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަން ރޫޅާލަން އުޅުމުން އޭނާ އަށް ލިބިވަޑައިގެންނެވީ ޝޮކެއް ކަމަށާއި އެއީ ވަރަށް ބޮޑު "ބޭވަފާތެރިވުމެއް" ކަމަށެވެ. ސަބަބަކީ އޭނާ އަށް ވެރިކަން ހަވާލު ކުރުމުގެ ވައުދެއް އޮތުމުން ކަމަށެވެ.

މަހާތިރާއި އަންވަރަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެކަމަކު ސިޔާސީ ގޮތުން ދެ ބޭފުޅުން ޚިޔާލު ތަފާތުވެ އަންވަރު މަގާމުން ދުރުކޮށް 1998 ވަނަ އަހަރު، ހަ އަހަރު ޖަލަށްލީ މަހާތިރުގެ ވެރިކަމުގަ އެވެ. އަންވަރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެއް ޖިންސުން ގުޅުން ހިންގުމެވެ. އަންވަރުގެ މައްސަލަ މެލޭޝިއާގެ އެންމެ މަތީ ކޯޓުން ބެލުމަށް ފަހު އޭނާ މިނިވަން ކުރީ 2004 ވަނަ އަހަރު އެވެ. އަންވަރު ދެ ވަނަ ފަހަރަށް ޖަލަށްލީ ނަޖީބު ރައްޒާގުގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.