ކޮވިޑް-19: ނޯތު ކޮރެއާގައި އުޅޭ ބިދޭސީން ކަރަންޓީންކޮށްފި

ޕިއޮންޔަން (ފެބްރުއަރީ 25) - ކޮރޯނާވައިރަސް ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ނޯތު ކޮރެއާގައި އުޅޭ ގާތްގަނޑަކަށް 380 ބިދޭސީން ކަރަންޓީން ކޮށްފި އެވެ.


ރަސްމީ މީޑިއާ އިން ބުނީ ކަރަންޓީން ކުރި މީހުންގެ ތެރޭން ގިނައީ ޑިޕްލޮމެޓުން ކަމަށެވެ. ގާތްގަނޑަކަށް 200 ވަރަކަށް ބިދޭސީން "ބަންދުގައި" ގެންގުޅޭތާ މިހާރު ވެސް މަހެއްހާ ދުވަސްވެއްޖެ އެވެ. ނޯތު ކޮރެއާ އަށް ދަތުރުކުރާ ކޮންމެ ގައުމެއްގެ މީހެއް ނަމަވެސް 30 ދުވަހަށް ކަރަންޓީން ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ނޯތު ކޮރެއާގައި އަހަރަކު އެއްފަހަރު ބާއްވާ ޕިއޮންޔަން މެރަތަން ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. އެ ދުވުމުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ގައުމުން މީހުން ދަތުރުކުރެ އެވެ.

ނޯތު ކޮރެއާ އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދަނީ އަވަށްޓެރި ސައުތު ކޮރެއާގައި ކޮވިޑް-19 ވައިރަސް ހަލުވިކަމާ އެކު ފެތުރެން ފެށުމުންނެވެ. ސައުތު ކޮރެއާ އިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ތިން ދުވަސްތެރޭ ތިން ގުނައަށް އިތުރުވެ މިހާރު ވަނީ 893 އަށް އަރައިފަ އެވެ.

ނޯތު ކޮރެއާ އިން ކޮވިޑް-19 އަދި ފެނިފައި ނުވި ނަމަވެސް، ވައިރަސް އެންމެ ބޮޑަށް ފެތުރޭ ޗައިނާއާ އެއް ބޯޑަރެއް އެ ގައުމު ހިއްސާ ކުރާތީ، ނޯތު ކޮރެއާ އަށް ވެސް ވައިރަސް ވާސިލްވުމުގެ ފުރުސަތު ބޮޑެވެ. ޗައިނާގައި ބޯޑަރާ ކައިރީގައި އޮންނަ ނޯތު ޕިއޮންގަން ޕްރޮވިންސްގައި އުޅޭ 3،000 މީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނޭތޯ މިހާރު ވަނީ މޮނިޓާ ކުރަން ފަށައިފަ އެވެ.