ކޮވިޑް-19: ޗައިނާ އަށް ވުރެ އެހެން ގައުމުތަކުން ބަލިޖެހޭ މިންވަރު އިތުރުވެއްޖެ

ވޫހާން (ފެބްރުއަރީ 27) - ޗައިނާގައި ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރެމުން ދިޔަ ނަމަވެސް، ޗައިނާ އަށް ވުރެ އެހެން ގައުމުތަކުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.


ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ ކޮވިޑް-19 އަލަށް ޖެހިގެން ޗައިނާ އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފައި ވަނީ 411 މީހުން ކަމަށެވެ. އެކަމަކު ޗައިނާ އިން ބޭރުން އެ ރޯގާ ވަނީ އަންގާރަ ދުވަހު 427 މީހުންނަށް ޖެހިފަ އެވެ. ކޮވިޑް-19 ގައި ޗައިނާ އިން އިއްޔެ މަރުވި ކަމަށް ރިޕޯޓްކޮށްފައި ވަނީ 29 މީހުންނެވެ. އެއީ މަހެއްހާ ދުވަހު ތެރޭ ޗައިނާ އިން ރިޕޯޓްކުރި އެންމެ ދަށް އަދަދެވެ.

ކޮރޯނާވައިރަހުގައި މިހާތަނަށް ޗައިނާ އިން 2،770 މީހުން މަރުވެފައިވާ އިރު ވައިރަސް ވަނީ 82،000 އަށް ވުރެ ގިނަ މީހުންނަށް އަރައިފަ އެވެ. ޗައިނާ އިން ބޭރުން މިހާތަނަށް 50 މީހުން މަރުވެފައިވާ އިރު ވައިރަސް އަރާފައި ވަނީ 3،600 މީހުންނަށެވެ. ވައިރަސް މިހާރު ވަނީ 45 ގައުމަކުން ފެނިފަ އެވެ.

ތެހެރާންގެ މުނިސިޕަލް މަސައްކަތް ކުރާ މީހަކު ބަހެއް ސާފު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ޗައިނާ އިން އެހެން ގައުމުތަކަށް ދަތުރު ކުރާ މީހުން ކަރަންޓީން ކުރަމުން ދިޔަ ނަަމަވެސް، ޗައިނާ އިން ވެސް ވަނީ ރޯގާ ފެތުރޭ ގައުމަކުން ބެއިޖިން އަށް ދަތުރުކުރާ ކޮންމެ މީހަކު 14 ދުވަހަށް ކަރަންޓީން ކުރަން އިއްޔެ ނިންމައިފަ އެވެ.

ކޮރޯނާވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެމުން ދަނީ މެދުއިރުމަތިން އީރާން، އޭޝިޔާ އިން ސައުތު ކޮރެއާ އަދި ޔޫރަޕުން އިޓަލީގަ އެވެ. ކޮވިޑް-19 ގައި އީރާނުން 19 މީހުން މަރުވެފައިވާ އިރު ވައިރަސް ވަނީ 139 މީހުންނަށް އަރައިފަ އެވެ. ބަލިޖެހޭ މީހުންގެ ތެރޭން އީރާނުގައި މަރުވާ ރޭޓް އުޅެނީ 14 ޕަސެންޓުގަ އެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ މާމަތީ ރޭޓެކެވެ. އިޓަލީން 12 މީހުން މަރުވެފައިވާ އިރު 400 އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ވަނީ އަރައިފަ އެވެ. ސައުތު ކޮރެއާ އިން ވެސް 12 މީހުން މަރުވެފައިވާ އިރު ވައިރަސް ވަނީ 1،590 މީހުންނަށް އަރައިފަ އެވެ.