ކޮވިޑް-19: 3،000 މީހުންނަށް ފަރުވާ ދިން ޗައިނާގެ ޑޮކްޓަރެއްގެ މަރު ބޮޑު ބަހުސަކަށް

ވޫހާން (ފެބްރުއަރީ 28) - ކޮވިޑް-19 ޖެހިފައިވާ 3،000 އަށް ވުރެ ގިނަ ބަލި މީހުންނަށް، މަހެއްހާ ދުވަހު ތެރޭ، ފަރުވާ ދިން ޗައިނާގެ ޑޮކްޓަރެއް ކަމަށްވާ ލިއު ޒިޒިއޮންގެ މަރުގެ މައްސަލަ އެތައް ބަޔަކަށް ބޮޑު ބަހުސަކަށް ވެއްޖެ އެވެ.


ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސްގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރި ޑޮކްޓަރު މިދިޔަ ހަފުތާގައި މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ގްލޯބަލް ޓައިމްސް އިން ބުނެފައި ވަނީ ވޭތުވެދިޔަ އެއްމަސް ދުވަސް ތެރޭ އެ ޑޮކްޓަރު މަސައްކަތް ކޮށްފައި ވަނީ އެއްވެސް ބްރޭކެއް ނުނަގާ ކަމަށެވެ.

ޑރ. ލީގެ މަރު، މަސައްކަތާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ރިޕޯޓްކޮށްފައެއް ނުވެ އެވެ. ސަބަބަކީ އެ ޑޮކްޓަރު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ނުވާތީ އެވެ.

އެއްބަޔަކު ބުނީ ޑޮކްޓަރު މަރުވީ މާ ބުރަކޮށް މަސައްކަތް ކުރަން ޖެހުމުން ކަމަށެވެ.

"އޭނާ މަރުވީ މަސައްކަތުގައި އަރާމެއް ނެތި މާބުރަކޮށް އުޅެން ޖެހުމުން. އެހެންވެ އެއީ މަސައްކަތާ ގުޅިގެން ހުރި މަރެއްގެ ގޮތުގައި ނުބަލަންވީ ކީއްވެ؟ މިީ ކާކަށް ނިންމޭނެ ކަމެއް؟" ޗައިނާގައި ޝޯޝަލް މީޑިއާ ބޭނުންކުރާ މީހަކު ސުވާލުކޮށްފައިވެ އެވެ.

"އޭނާގެ ފުރާނަ އެ ގުރުބާން ކުރީ (ކޮރޯނާވައިރަހުގެ) ބަލި މީހުންނަށް ފަރުވާ ކުރުމުގައި. ކޮންމެ ހާލަތެއްގައި ވެސް ގައިވާދުތަކަށް އިހުތިރާމް ކުރަން ޖެހޭނެ،" އެހެން މީހަކު ޚިޔާލު ފާޅުކޮށްފައިވެ އެވެ.

ޑޮކްޓަރު މަރުވީ މަސައްކަތާ ގުޅުންހުރި ކަމެއްގައި ކަމަށް ނިންމި ނަމަވެސް އެ ޑޮކްޓަރުގެ އާއިލާ އަށް ދޭނީ ކޮން ކަހަލަ ބަދަލެއް ކަމެއް އަދި ނޭނގެ އެވެ.

ކޮރޯނާވައިރަހުގެ ސަމާލުކަން ޗައިނާގައި އެންމެ ފުރަތަމަ ގެނައި ޑޮކްޓަރު ވެސް ކޮވިޑް-19 ޖެހިގެން މި މަހު ކުރީކޮޅު ވަނީ މަރުވެފަ އެވެ.