އީރާނުގެ ނައިބް ރައީސް އަށް ކޮވިޑް-19 ޖެހިއްޖެ

ތެހެރާން (ފެބްރުއަރީ 28) - އީރާނުގެ ނައިބް ރައީސެއް ކަމަށްވާ މައުސޫމާ އިބްތިކާރު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.


އީރާނުގައި އަންހެނުންގެ ކަންކަން ބަލަހައްޓާ ނައިބް ރައީސް އިބްތިކާރަކީ، ކޮރޯނާވައިރަސް މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ އީރާނުން ކޮވިޑް-19 ޖެހުނު އެންމެ ސީނިއާ އޮފިޝަލެވެ. މީގެ ކުރިން ވަނީ އީރާނުގެ ހެލްތު މިނިސްޓްރީގެ ނައިބަށް ވެސް ކޮވިޑް-19 ޖެހިފަ އެވެ. މީގެ އިތުރުން އީރާނުގައި އެންމެ ހަލުވިކަމާ އެކު ވައިރަސް ފެތުރޭ ގުމް ޕްރޮވިންސްގެ ޕާލަމެންޓް މެންބަރަކަށް ވެސް ވަނީ ކޮވިޑް-19 ޖެހިފަ އެވެ.

އީރާނުގެ ހަތަރު ނައިބް ރައީސުންގެ ތެރޭގައި ހިމެނޭ އިބްތިކާރަކީ ތެހެރާނުގައި ހުންނަ އެމެރިކާ އެމްބަސީ 1979 ވަނަ އަހަރު ހިސޯރުކުރި އިރު ރަހީންކުރި މީހުންގެ ފަރާތުން ވާހަކަ ދެއްކި އިނގިރޭސި ތަރުޖަމާނެވެ. އޭނާ އަށް ކޮވިޑް-19 ޖެހުނުކަން ހާމަކޮށްފައި މި ވަނީ ރައީސް ހަސަން ރޫހާނީއާ އެކު ކެބިނެޓުގެ ބައްދަލުވުމެއްގައި އިންނެވި ފޮޓޯތައް އާއްމުވިތާ އެއްދުވަސް ފަހުންނެވެ.

އީރާނުން މިހާތަނަށް ވަނީ 254 މީހުންނަށް ކޮވިޑް-19 ޖެހިފަ އެވެ. މިހާތަނަށް ވަނީ 26 މީހުން މަރުވެފަ އެވެ. ކޮރޯނާވައިރަހުގައި ޗައިނާ ފިޔަވައި އެންމެ ގިނަ މީހުން މަރުވެފައި ވެސް އީރާނުންނެވެ. އީރާނުން ބަލިޖެހޭ މީހުންގެ 10 ޕަސެންޓް މަރުވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.