މަހާތިރުގެ ބަދަލުގައި ވެރިކަން މުހްޔިއްދީން ޔާސީން އަށް

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 29) - ސިޔާސީ ވާދަވެރިޔާ އަންވަރު އިބްރާހިމްގެ ތާއީދާ އެކު ބޮޑު ވަޒީރުކަމުގެ މަގާމަށް މަހާތިރު މުހައްމަދު ވަޑައިގަތުމަށް ނިންމެވި ނަމަވެސް އޭނާގެ ޒަމާންވީ އެކުވެރިޔާ އަދި ކުރީގެ ހޯމް މިނިސްޓަރު މުހްޔިއްދީން ޔާސީންއާ ދެމެދު ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދުމަށް ފަހު އެންމެ ފަހުން ބޮޑު ވަޒީރުކަށް މުހިއްދީން ހަމަޖައްސަން ނިންމައިފި އެވެ.


މެލޭޝިއާގެ 18 ވަނަ ބޮޑު ވަޒީރުގެ މަގާމަށް މުހްޔިއްދީން ޔާސީން ހަމަޖެއްސިކަން ޝާހީ އޮފިޝަލުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. ބޮޑު ވަޒީރުކަމުގެ ހުވާ މުހިއްދީން ކުރައްވާނީ މާދަމާ އެވެ.

"ބޮޑު ވަޒީރަކު އައްޔަން ކުރުން ލަހެއް ނުކުރެވޭނެ. ސަބަބަކީ ރައްޔިތުންގެ ލާބައަށް ޓަކައި ގައުމުގައި ސަރުކާރެއް އޮތުން މުހިންމު،" ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބޮޑު ވަޒީރުގެ މަގާމަށް މުހިއްދީން ހަމަޖެއްސެވިއިރު މަހާތިރު ވެސް މިއަދު ހެނދުނު ވަނީ މަގާމަށް އާދެވޭވަރަށް އޭނާ ވެސް ތާއީދު ހޯއްދަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މި ގޮތުން މަހާތިރު ވަނީ ސިޔާސީ ވާދަވެރިޔާ އަންވަރު އިބްރާހިމްގެ ކޯލީޝަނުގެ ތާއީދުވެސް ހޯއްދަވައިފިކަން އިއުލާން ކުރައްވައިފަ އެވެ. ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަރްޒުކީ ޔަހްޔާ ވެސް ވަނީ ބޮޑު ވަޒީރަކީ މަހާތިރު ކަމަށް ބުނެ ބަޔާނެއް ނެރުއްވައިފަ އެވެ.

ނަމަވެސް މަދު މިނިޓްކޮޅެއްގެ ތެރޭގައި އެ ބަޔާން ވަނީ ބަދަލުވެފަ އެވެ. ޕާޓީގެ ޗެއާމަންގެ މަގާމުން މަހާތިރު އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނެ ވަގުތީ ޗެއާމަންއަކީ މުހްޔިއްދީން ކަމަށްވާތީ އޭނާ ބޮޑު ވަޒީރު ކަމަށް ހަމަޖެއްސީ ކަމަށް ވަނީ ބުނެފަ އެވެ.

ކޮންޓްރޯލާ އޮފް ރޯޔަލް ހައުސްހޯލްޑް އަހުމަދު ފާދިލް ޝަމްސުއްދީން ވިދާޅުވީ ސިޔާސީ ހުރިހާ ޕާޓީއެއްގެ ވިސްނުން ހުރި ގޮތް ބަލައި އަދި ޕާލަމެންޓުގެ މިނިވަން މެންބަރުގެ ޚިޔާލު ހޯއްދެވުމަށް ވަނީ ރަސްގެފާން ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހު ނިންމެވީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދޭނީ މުހިޔިއްދީނަށް ކަމަށެވެ.

ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި މުހްޔިއްދީނަކީ ބޮޑު ވަޒީރުގެ ނައިބެވެ. ނަމަވެސް އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލއިގައި ނަޖީބަށް ފާޑު ވިދާޅުވުމުން ބޮޑުވަޒީރުގެ މަގާމުން އޭނާ ވަނީ 2015 ވަނަ އަހަރު ވަކިކޮށްފަ އެވެ. މުހްޔިއްދީން ފަހުން ވަނީ މަހާތިރު އުފެއްދެވި ޕާޓީއާ ގުޅިވަޑައިގެން ނަޖީބު ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.