ކޮވިޑް-19: އީރާނުން އެދިއްޖެ ނަމަ އެހީވާނަން: ޓްރަމްޕް

ވޮޝިންޓަން (މާޗް 2) - އީރާނުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން އެއްވެސް އެހީތެރިކަމަކަށް އެ ގައުމުން އެދިއްޖެ ނަމަ އެކަން ކޮށްދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


"އީރާނުގައި މިހާރު ފެތުރޭ ރޯގާގައި އެމެރިކާ އިން އެހީވާނެތޯ؟ ޔަގީނުން ވެސް އެހީވާނެ. އެކަމަކު އެ މީހުން ކުރަން ޖެހޭނެ ކަމަކީ އެހީ އަށް އެދުން،" ވޮޝިންޓަނާ ކައިރި ސަރަހައްދެއްގައި ބޭއްވި ކޮންޒަވެޓިވް ޕޮލިޓިކަލް އެކްޝަން ކޮންފަރެންސްގައި ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކޮރޯނާވައިރަހާ ގުޅިގެން އީރާނަށް އެހީވާން ބޭނުންކަން ރަސްމީކޮށް ތެހެރާނަށް އަންގައިފަ އެވެ. އީރާނުގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކޮށްފައި ނެތުމުން އެ މެސެޖް ފޯރުކޮށްދީފައި ވަނީ ސްވިޒަލެންޑް މެދުވެރިކޮށެވެ. އެމެރިކާ އާއި އީރާނުން 1980 ވަނަ އަހަރަށް ފަހު ވަނީ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ.

އާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ވަނީ 60 އަށް ވުރެ ގިނަ ގައުމަށް ފެތުރިފަ އެވެ. އީރާނުން ވަނީ 54 މީހުން މަރުވެފަ އެވެ. އީރާނުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދަކީ 978 އެވެ.

ކޮރޯނާވައިރަހުގައި އެމެރިކާ އިން މިހާތަނަށް ވަނީ ދެ މީހުން މަރުވެފަ އެވެ.

ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު އީރާނަށް ދަތުރުކޮށްފައިވާ މީހެއް ނަމަ ކަރަންޓީން ކުރުމަށް ޓްރަމްޕް ވަނީ އަންގަވައިފަ އެވެ. އަދި ސައުތު ކޮރެއާ އާއި އިޓަލީގައި ރޯގާ ފެތުރޭ ސަރަހައްދުތަކަށް ދަތުރު ނުކުރެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.