ކޮވިޑް-19: ޗައިނާގައި ބަލިޖެހޭ މީހުން ދަށަށް، އެމެރިކާ އިން ހަ މީހުން މަރު

ވޫހާން (މާޗް 3) - ކޮރޯނާވައިރަސް މިދިޔަ ޑިސެމްބަރު މަހު އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގައި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށަށްދާން ފަށާފައިވާއިރު އެމެރިކާ އިން ހަ މީހުން މިހާތަނަށް މަރުވެއްޖެ އެވެ.


ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އިއްޔެ އެ ގައުމުން ކޮވިޑް-19 އަލަށް ޖެހިފައި ވަނީ 125 މީހުންނަށެވެ. އޭގެ ކުރީ ދުވަހު ޖެހިފައި ވަނީ 202 މީހުންނަށެވެ. މިއީ ވޭތުވެދިޔަ ހަ ހަފުތާތެރޭ ބަލި ޖެހުނު މީހުން އެންމެ މަދުން ރިޕޯޓްކުރި ދުވަހެވެ. ކޮމިޝަނުން ބުނީ ޗައިނާ އިން އިއްޔެ މަރުވެފައި ވަނީ 31 މީހުން ކަމަށެވެ. އެންމެން ވެސް މަރުވެފައި ވަނީ ހުބެއި ޕްރޮވިންސް އިންނެވެ. ކޮރޯނާވައިރަހުގައި ޗައިނާ އިން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދަކީ 2،943 އެވެ.

ޗައިނާގައި އެންމެ ބޮޑަށް ރޯގާ ފެތުރޭ ހުބެއި ޕްރޮވިންސްގެ ވޫހާން ސިޓީން ބަލިޖެހުނު ކަމަށް އިއްޔެ ރިޕޯޓްކޮށްފައި ވަނީ 111 މީހުންނެވެ. އޭގެ ކުރީ ދުވަހު 193 މީހުންނެވެ.

ކޮރޯނާވައިރަހުގައި އެމެރިކާ އިން މަރުވި ހަ މީހުން ވެސް މަރުވެފައި ވަނީ ވޮޝިންޓަނުންނެވެ. އޮފިޝަލުން ލަފާކުރަނީ ވޮޝިންޓަނުގައި ކޮވިޑް-19 ޖެހި އެކަމަކު ނޭނގި އެތައް ބަޔަކު މިހާރު ތިބޭނެ ކަމަށެވެ.

މިހާތަނަށް މުޅި ދުނިޔެ އިން 31،00 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު ބަލި ވަނީ 60 ގައުމެއްގެ 90،000 އަށް ވުރެ ގިނަ މީހުންނަން ޖެހިފަ އެވެ.