ކޮވިޑް-19: ވައިރަހުގެ ބިރަށް އީރާނުން 54،000 ގައިދީން ދޫކޮށްލައިފި

ތެހެރާން (މާޗް 4) - ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން 54،000 ގައިދީން ޖަލުން ދޫކޮށްލަން އީރާނުން ނިންމައިފި އެވެ.


ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖުޑިޝަރީގެ ތަރުޖަމާން ޣުލާމް ހުސައިން އިސްމައިލީ ވިދާޅުވީ ގައިދީން ވަގުތީ ގޮތުން ދޫކޮށްލީ ކޮރޯނާވައިރަހަށް ޓެސްޓް ކުރުމަށް ފަހު ނެގެޓިވްވުމުން ކަމަށެވެ.

"ފަސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ހުކުމްކޮށްފައިވާ ސެކިއުރިޓީ ގައިދީން ދުލެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

އީރާނުގެ ޖަލުތަކުގައި ވެސް ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ތެހެރާނުގެ ހައި ސެކިއުރިޓީ ޖަލެއްގައި ބަންދުކޮށްފައި ހުރި އީރާން-އިނގިރޭސި ރައްޔިތެއް ކަމަށްވާ ނަޒަނިން ޒަގާރީ-ރެކްލީފް ވެސް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. ޒަގާރީގެ ފިރިމީހާ ބުނެފައި ވަނީ ޒަގާރީ އަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އިސްމާއިލީ ވިދާޅުވީ ޒަގާރީ ހުރީ ފުރިހަމަ ސިއްހަތެއްގައި ކަމަށެވެ.

ޖާސޫސް ކުރި ކަމަށް ތުހުމަތުކޮށް ފަސް އަހަރަށް ޒަގާރީ ޖަލަށްލީ 2016 ވަނަ އަހަރު އެވެ. އެކަމަކު އެ ތުހުމަތު އޭނާ ދޮގު ކުރެ އެވެ.

ކޮރޯނާވައިރަހުގައި އީރާނުން ވަނީ ދެ ހަފުތާ ތެރޭ 77 މީހުން މަރުވެފަ އެވެ. އީރާނުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 2،336 އަށް އަރައިފަ އެވެ.

އީރާނުގެ ސީނިއާ އޮފިޝަލުންތަކަކަށް ވެސް ކޮވިޑް-19 ވަނީ ޖެހިފަ އެވެ. އެންމެ ފަހުން ރޯގާ ޖެހުނު މީހުންގެ ތެރޭގައި އިމަޖެންސީ މެޑިކަލް ސާވިސްގެ ވެރިޔާ ޕިރް ހުސައިން ކޮލިވާންދު ހިމެނެ އެވެ. ޕާލަމެންޓުގެ 290 މެންބަރުންގެ ތެރޭން 23 މެންބަރުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އީރާނުން މިހާރު ވަނީ ޕާލަމެންޓުގެ ބައްދަލުވުންތައް ސަސްޕެންޑްކޮށްފަ އެވެ.

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ މުޝީރަކު ވެސް ކޮވިޑް-19 ޖެހިގެން ހޯމަ ދުވަހު ވަނީ އަވަހާރަވެފަ އެވެ.

އީރާނުގެ ހެލްތު މިނިސްޓަރު ސައީދު ނަމަކީ ވިދާޅުވީ ކޮރޯނާވައިރަހަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މުޅި ގައުމުގައި މިއަދު ފަށާނެ ކަމަށެވެ. ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުންގެ ކައިރިއަށް ގޮސް ޓެސްޓްތައް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނަށް އެހީވުމަށް ޑަބްލިއުއެޗްއޯގެ ޚާއްސަ ޓީމެއް މިދިޔަ ހޯމަ ދުވަހު ވަނީ އެ ގައުމަށް ފޮނުވައިފަ އެވެ.