ނަތަންޔާހޫގެ ކޯލިޝަނަށް މިފަހަރު ވެސް އަޣުލަބިއްޔަތެއް ނުލިބުނު

ތެލް އަވީވް (މާޗް 5) - އިޒްރޭލުގައި ހޯމަ ދުވަހު ބޭއްވި އާއްމު އިންތިޚާބުން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނަށް މިފަހަރު ވެސް އަޣުލަބިއްޔަތެއް ނުލިބުނެވެ.


ވޯޓުގެ ގާތްގަނޑަށް 99 ޕަސެންޓް ގުނާ ނިމުނުއިރު ނަތަންޔާހޫގެ ލިކޫޑް ޕާޓީ އަށް ލިބިފައި ވަނީ 36 ގޮނޑި އެވެ. އެ ޕާޓީއާ ގުޅިފައިވާ ކަނާތު ފިޔައިގެ ޕާޓީތަކަށް ލިބުނީ 22 ގޮނޑި އެވެ. އެއީ އިޒްރޭލް ޕާލަމެންޓުގެ 120 ގޮނޑީގެ އަޣުލަބިއްޔަތު ހޯދަން ތިން ގޮނޑި މަދު އަދަދެކެވެ.

އިދިކޮޅު ބްލޫ އެންޑް ވައިޓް ޕާޓީ އަށް ވަނީ 33 ގޮނޑި ލިބިފަ އެވެ. ޔިސްރޭލް ބެއިޓެނު ޕާޓީ އަށް ހަތް ގޮނޑި ލިބިފައިވީ ނަމަވެސް އެ ޕާޓީން ވަނީ ނަތަންޔާހޫގެ ކޯލިޝަނުގައި ބައިވެރި ނުވާނެ ކަމަށް ބުނެފަ އެވެ.

ލިކޫޑް ޕާޓީން މިހާރު ދަނީ ވާދަވެރި ބްލޫ އެންޑް ވައިޓް ޕާޓީ ކޯލިޝަނުން މެންބަރުން ގެންނަން ރާވަމުންނެވެ. ނަތަންޔާހޫގެ ތަރުޖަމާން ޖޮނަތަން އުރިޗް ވިދާޅުވީ އިދިކޮޅު ހަ މެންބަރަކާ މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"ސަރުކާރެއް އުފެއްދުމަށް ކުރެވެން ހުރި، ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ. ހަތަރު ވަނަ ބުރަކަށް އިންތިޚާބަކަށް ނުގޮސްވޭތޯ ބެލުމަށް މެންބަރަކު ނިންމާ ނިންމުމަކީ އެ މެންބަރަކު ހުރި ޕާޓީއަށް ޣައްދާރުވުން ކަމުގައި ނުބެލެވޭނެ،" އިޒްރޭލުގެ ޗެނަލް 13 ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

މިއީ އަހަރެއްގެ ތެރޭ އިޒްރޭލުގައި ބޭއްވި ތިން ވަނަ އިންތިޚާބެވެ. މީގެ ކުރިން ބޭއްވި ދެ އިންތިޚާބުގައި ވެސް ސަރުކާރެއް އުފެއްދޭ ވަރަށް އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެ އެވެ.

ނަތަންޔާހޫ، 70، އަކީ އިޒްރޭލުގައި އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުކަން ކުރި މީހާ އެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ބޮޑު ވަޒީރުކަމުގެ ފަސް ވަނަ ދައުރު ކާމިޔާބު ކުރުމަށެވެ.