ބަލި މީހުން ނެތިގެން ޗައިނާގެ ވަގުތީ ހޮސްޕިޓަލްތައް ބަންދުކުރަނީ

ވޫހާން (މާޗް 9) - ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެން ފެށުމުން ޗައިނާގައި ހެދި ވަގުތީ ހޮސްޕިޓަލްތަކުގައި ފަރުވާ ދޭނެ މީހުން ނެތުމުން ބަންދު ކުރަން ފަށައިފި އެވެ.


ޒިންހުއާ ނިއުސް އެޖެންސީން ބުނީ ޑިސެމްބަރު މަހު ކޮރޯނާވައިރަސް ފެނުނު ވޫހާން ސިޓީގައި ހެދި ވަގުތީ 16 ހޮސްޕިޓަލްގެ ތެރޭން 11 ތަން މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. އިތުރު ދެ ހޮސްޕިޓަލްގައި ތިބި 61 މީހުން ވެސް އާދިއްތަ ދުވަހު ދޫކޮށްލާފައިވާތީ އެ ދެ ތަން ވެސް ވަރަށް އަވަހަށް ބަންދުކުރާނެ ކަމަށް ޒިންހުއާ އިން ބުންޏެވެ. ވަގުތީ ހޮސްޕިޓަލްތައް ވަނީ ސްޓޭޑިއަމްތަކާއި ސްކޫލްތަކުގައި ވެސް ހަދައިފަ އެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ޗައިނާގައި މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނީ އެ ގައުމުގައި ކޮވިޑް-19 އިއްޔެ ޖެހިފައި ވަނީ 40 މީހުންނަށް ކަމަށެވެ. މިއީ ޖެނުއަރީ މަހު، ޑޭޓާތައް ހާމަކުރަން ފެށި ފަހުން، އެއް ދުވަސްތެރޭ ބަލިޖެހިގެން ރިޕޯޓްކުރި އެންމެ މަދު އަދަދެވެ. މަރުވެފައި ވަނީ 22 މީހުންނެވެ. ހުރިހާ ކޭސްއެއް ވެސް ރިޕޯޓްކޮށްފައި ވަނީ ހުބެއި ޕްރޮވިންސްގެ ވޫހާން ސިޓީންނެވެ.

ޗައިނާ އިން ކޮވިޑް-19 ވަނީ 80،700 މީހުންނަށް ޖެހިފަ އެވެ. އެ ގައުމުން މަރުވެފައި ވަނީ 3،119 މީހުންނެވެ. ވޫހާން ސިޓީން އެކަނިވެސް ވަނީ ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން 31،000 މީހުން ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ޗައިނާގެ ހެލްތު ކޮމިޝަނުން ބުނީ ހުބެއި ޕްރޮވިންސްގެ ބޭރުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ހަތަރު މީހުންނަށް ވެސް ބަލިޖެހިފައި ވަނީ ގައުމުން ބޭރުން ކަމަށެވެ. އެހެން ގައުމުތަކުން އައި މީހުންގެ ތެރޭން ބަލި ޖެހުނު 67 މީހަކު ވަނީ ރިޕޯޓްކޮށްފަ އެވެ.

ޗައިނާ ސަރުކާރުގެ ސީނިއާ އޮފިޝަލަކު ދާދި ފަހުން ވިދާޅުވެފައި ވަނީ ހުބައި ޕްރޮވިންސް ކަރަންޓީނުން ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށެވެ. އެ ޕްރޮވިންސް ކަރަންޓީން ކުރުމުން ވަނީ 56 މިލިއަން މީހުން ބަންދުވެފަ އެވެ.