އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރަށް ކޮވިޑް-19 ޖެހިއްޖެ

ލަންޑަން (މާޗް 11) - އިނގިރޭސި ވިލާތުގެ ހެލްތު މިނިސްޓަރު ނަޑީން ޑޮރީސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.


ކޮންޒަވެޓިވް ޕާޓީގެ މެންބަރު ޑޮރީސް ވިދާޅުވީ އެކަމަނާ މިހާރު ވަނީ އަމިއްލަ އަށް އެކަހެރިވެފައި ކަމަށެވެ. އިނގިރޭސި ވިލާތުގެ ހެލްތު މިނިސްޓަރަށް ކޮވިޑް-19 ޖެހުނު އިރު އެ ގައުމުގައި ވަނީ އެ ބަލީގައި މިހާތަނަށް ހަ މީހުން މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 382 އަށް އަރައިފަ އެވެ.

ޑޮރީސް ވިދާޅުވީ އެކަމަނާއާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ޕަބްލިކް ހެލްތު އިންގްލޭންޑުން މިހާރު ކުރަމުން ގެންދާ ކަމަށެވެ. އަދި އެކަމަނާގެ ޑިޕާޓްމަންޓާއި ޕާލަމެންޓަރީ އޮފީސް ވެސް ގެންދަނީ މޮނިޓާ ކުރަމުން ކަމަށް ވިދާޅުވި އެވެ.

ނަރުހެއްގެ ގޮތުގައި ކެރިއަރު ފެށި އުމުރުން 62 އަހަރުގެ ޑޮރީސް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާއާ އެކު ދިރިއުޅެމުން އަންނަ 84 އަހަރުގެ މަންމަ އިއްޔެ އިން ފެށިގެން ކެއްސަން ފެށުން ކަމަށެވެ. ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ.

ޑޮރީސް ވަޑައިގެންނެވީ ޕާލަމެންޓުގެ ކިތައް ބައްދަލުވުމަށް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ހެލްތު ޑިޕާޓްމަންޓުން ބުނެފައި ވަނީ ކޮވިޑް-19 ގެ އަލާމާތްތައް ޑޮރީސްގެ ކިބައިން ފެންނަން ފެށީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ. އެ ދުވަހު އެކަމަނާ ވަނީ ބޮޑު ވަޒީރުގެ އޮފީހުގައި އޮތް އިވެންޓެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. ހުކުރު ދުވަހުން ފެށިގެން ޑޮރީސް ވަނީ އަމިއްލަ އަށް ކަރަންޓީންވެފަ އެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮރޯނާވައިރަހަށް ޓެސްޓް ކުރާނެކަން ޑޯނިން ސްޓްރީޓުން ބުނެފައެއް ނުވެ އެވެ.

ޕަބްލިކް ހެލްތު އިންގްލެންޑުން މިހާތަނަށް ވަނީ އިނގިރޭސި ވިލާތުގައި 25،000 އަށް ވުރެ ގިނަ ކޮރޯނާވައިރަސް ޓެސްޓްކޮށްފަ އެވެ.