ކޮވިޑް-19: އީރާނުގެ ނައިބް ރައީސަކާއި ދެ ވަޒީރުން ޕޮޒިޓިވްވެއްޖެ

ތެހެރާން (މާޗް 12) - އީރާނުގެ ނައިބް ރައިސް އިޝާގު ޖަހަންގީރީ އާއި ދެ ވަޒީރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.


އީރާނުގެ ނުރަސްމީ މީޑިއާތަކުން ބުނެފައި ވަނީ ފަހަކަށް އައިސް ބޭއްވި އެއްވެސް ރަސްމީ ހަފުލާއަކުން ޖަހަންގީރީ ފެނިފައިނުވާ ކަމަށެވެ. އީރާނުގެ ކަލްޗަރަލް ހެރިޓޭޖް، ހޭންޑިކްރާފްޓްސް އެންޑް ޓޫރިޒަމް މިނިސްޓަރު އަލީ އަސްގަރާއި އިންޑަސްޓްރީ އެންޑް މައިންސް މިނިސްޓަރު ރިޒާ ރަހުމާނީ ވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން އީރާނުގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ރިޒާ ސޯލިހީ ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އީރާނުން ކޮވިޑް-19 ޖެހިގެން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 62 މީހުން މަރުވެފަ އެވެ. އެ ގައުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 354 އަށް އަރައިފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އީރާނުގައި އަލަށް 958 މީހުންނަށް ބަލިޖެހިފައިވެ އެވެ.

އީރާނުގެ ހެލްތު މިނިސްޓްރީން ބުނީ އެ ގައުމުގެ ހުރިހާ ޕްރޮވިންސަކަށް ވައިރަސް މިހާރު ފެތުރިފައިވާ ކަމަށެވެ. އީރާނުގެ 9،000 މީހުން މިހާރު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އީރާނުގެ އެއް ނައިބް ރައީސް ކަމަށްވާ މައުސޫމާ އިބްތިކާރާއި ކޮރޯނާވައިރަހުގެ ކަންކަން ބެލެހެއްޓުމަށް އީރާނުގައި އުފެއްދި ޓާސްކް ފޯހުގެ ވެރިޔާ އަދި ހެލްތު މިނިސްޓަރުގެ ނައިބް އިރާޖް ހަރިރްޗީ އަށް މީގެ ކުރިން ވަނީ ކޮވިޑް-19 ޖެހިފަ އެވެ.

ކޮވިޑް-19 ޖެހިގެން، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ މުޝީރެއް ކަމަށްވާ މުހައްމަދު މިރް މުހައްމަދީ ވަނީ އަވަހާރަވެފަ އެވެ.

ކޮވިޑް-19 މިހާތަނަށް މުޅި ދުނިޔެ އިން ވަނީ 126،410 މީހުންނަށް ޖެހިފަ އެވެ. އެ ބަލީގައި ވަނީ 4،635 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 68،313 މީހުންނެވެ.