ކޮރޯނާވައިރަސް ފެތުރޭތީ ސިންގަޕޫރުގެ މިސްކިތްތައް ބަންދު

ސިންގަޕޫރު (މާޗް 13) - ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ސިންގަޕޫރުގެ މިސްކިތްތައް ވަރަށް ބޮޑަށް ސާފު ކުރުމުގެ ގޮތުން މިސްކިތްތައް ފަސް ދުވަހަށް ބަންދުކުރަން ނިންމައިފި އެވެ.


ސިންގަޕޫރުގެ އިސްލާމިކް ރިލިޖަސް ކައުންސިލުން ބުނީ މިސްކިތްތައް ބަންދުކުރަނީ މިއަދުން ފެށިގެން ކަމަށެވެ. އަދި ސިންގަޕޫރުން މިހާރު ދަނީ މެލޭޝިއާގެ މިސްކިތެއްގައި އޮތް ދީނީ ބައްދަލުވުމެއްގައި ބައިވެރިވި އެ ގައުމުގެ 95 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ސިންގަޕޫރުގެ ދެ މީހަކު ދިޔަ ކަމަށް ބުނާ ހަތަރު މިސްކިތެއް ކުރިން ވަނީ ބަންދުކޮށްފަ އެވެ. ސިންގަޕޫރުގައި ދެން ބާކީ ހުރި 66 މިސްކިތް މިއަދު ބަންދުކުރަނީ ބޭސް ޖަހައި ވަރަށް ބޮޑަށް ސާފު ކުރުމަށެވެ.

އެކި ގައުމުތަކުން 10،000 މީހުން ދިޔަ ތަބްލީޣް ޖަމާއަތުގެ އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

"މިއީ ކޮވިޑް-19 ފެތުރުން ހުއްޓުވަން އަޅާ ވަގުތީ ފިޔަވަޅުތަކެއް،" ކައުންސިލުން ބުނެފައިވެ އެވެ. "މިއީ މުޅި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާ ފިޔަވަޅުތަކެއް."

ސިންގަޕޫރުން މިހާރު ވަނީ 250 އަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ބާއްވާ ގިނަ ހަރަކާތްތަކެއް ކެންސަލް ކޮށްފަ އެވެ. އަދި ސިންގަޕޫރުން ވަނީ މިސްކިތަށް ދާ ނަމަ އަމިއްލަ އަށް މުސައްލަ ގެންދިއުމަށް ކުރިން އިލްތިމާސްކޮށްފަ އެވެ.

ސިންގަޕޫރުން ވަނީ 187 މީހުންނަށް ކޮވިޑް-19 ޖެހިފަ އެވެ.

މުޅި ދުނިޔޭގައި ފެތުރޭ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން އިއުލާންކޮށްފައިވާ ކޮވިޑް-19 ގައި މިހާތަނަށް ވަނީ 4،983 މީހުން މަރުވެފަ އެވެ. އެ ބަލި ވަނީ 134،768 މީހުންނަށް ޖެހިފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 70،385 މީހުންނެވެ.