ނަތަންޔާހޫ އާއި އަނބިކަނބަލުންގެ ޚިޔާނާތުގެ މައްސަލަ ޕްރޮސެކިއުޓަރުންނަށް ފޮނުވައިފި

ގުދުސް (މެއި 31) - އިޒްރޭލުގެ ބޮޑު ވަޒީރުގެ ބެންޖަމިން ނަތަންޔާހޫ އާއި އަނބިކަނބަލުން ސާރާ ނަތަންޔާހޫ ސަރުކާރުގެ ފައިސާ އަމިއްލަ ގެ އަށް ބޭނުން ކުރެއްވި މައްސަލައިގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓަރުންނަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


މި ތަހުގީގާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އިޒްރޭލުގެ ބައެއް މީޑިއާތަކުން ބުނި ގޮތުން ސާރާ ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. ނަތަންޔާހޫގެ މައްސަލަ ޕްރޮސެކިއުޓަރުންނަށް ފޮނުވި އިރު ގަވާއިދާ ޚިލާފަށް ދަތުރުފަތުރަށް ހޭދަކުރެއްވި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ބޮޑު ވަޒީރު ނަތަންޔާހޫގެ ޕްރައިވެޓް ވިލާ

ފަނަރަ މަސް ދުވަހަށް ކުރިއަށް ގެންދިޔަ ކޮރަޕްޝަނުގެ ތަހުގީގުގައި ސާރާ ނަތަންުޔާހޫއާ ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ. އެއީ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ އިން ޕްރައިވެޓް ވިލާގެ ބަގީޗާ އަށް ފަރުނީޗަރު ގަތުމާއި އިލެކްޓްރިކަލް މަރާމާތުތައް ކޮށްފައިވާތީ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނަތަންޔާހޫ ވަނީ ސަރުކާރުން 1،000 ޑޮލަރު ރެއިންބާސް ކުރައްވައިފަ އެވެ. އެކަމަކު ނަތަންޔާހޫގެ ކުރީގެ ބަޓްލާ ވިދާޅުވީ މި އަދަދު ހަ ގުނަ އިތުރުވާނެ ކަމަށެވެ. ނަތަންޔާހޫ ވިދާޅުވެފައި ވަނީ މިއީ ދޮގު ތުހުމަތެއް ކަމަށެވެ.

އަނެއްކޮޅުން އިޒްރޭލުގެ އޮޑިޓާ ޖެނެރަލް ވަނީ ނަތަންޔާހޫ ކުރެއްވި ބޭރު ދަތުރުތަކަކާ ބެހޭ ރިޕޯޓް ނެރުއްވައިފަ އެވެ. އިޒްރޭލުގެ މާލީ ވަޒީރަކަށް ނަތަންޔާހޫ ހުންނެވި އިރު، 2003-2005 އާ ދެމެދު ވަނީ އަނބިކަނބަލުންނާއި އާއިލާގެ މެންބަރުންނާ އެކު ބޭރު ދަތުރުތައް ކުރައްވައިފަ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ ނަތަންޔާހޫ އާއި އާއިލާގެ ދަތުރުތަކަށް "އެހެން ފަރާތަކުން" ޚަރަދުކޮށްފައިވާ ކަމަށެވެ. --އޭއެފްޕީ