ކޮވިޑް-19 ގެ ސަބަބުން ޔޫކޭގައި ވަޒީފާ ގެއްލޭ މީހުންނަށް ސަރުކާރުން މުސާރަ ދެނީ

ލަންޑަން (މާޗް 21) - މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރޭ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިގްތިސާދީ ހީނަރުކަމުގައި މުސާރަ ނުދެވިގެން ކުންފުނިތަކުން ދޫކޮށްލާ މީހުންނަށް އިނގިރޭސި ސަރުކާރުން މުސާރަ ހަމަޖައްސާނެކަން އިއުލާންކޮށްފި އެވެ.


ފިނޭންސް މިނިސްޓަރު ރިޝީ ސުނާކް ވިދާޅުވީ ކޮރޯނާވައިރަހުގެ ސަބަބުން މަސައްކަތާ ދުރަށް ދާން ޖެހުނު މީހުންގެ މުސާރައިގެ 80 ޕަސެންޓް ސަރުކާރުން ކަވަރުކޮށްދޭނެ ކަމަށެވެ.

"އިނގިރޭސި ތާރީޚުގައި ވެސް މިއީ ވަޒީފާ ގެއްލޭ މީހުންނަށް ސަރުކާރުން އެހީވާ ފުރަތަމަ ފަހަރު،" ބޮޑު ވަޒީރު ބޮރިސް ޖޯންސަންއާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސުނާކް ވިދާޅުވި އެވެ.

ސަރުކާރުން މުސާރަ ކަވަރުކޮށްދޭނީ 2،500 ޕައުންޑް (2،900 ޑޮލަރު)އާ ހަމައަށެވެ. މުސާރަ ދޭނީ މާޗު 1 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މި ޕެކޭޖުގެ ސަބަބުން، ވަޒީފާ ދޭ ފަރާތަަށް މުސާރަ ނުދެވުނު ނަމަވެސް ވަޒީފާ ނުގެއްލި ސަލާމަތް ކުރެވޭނެ ކަމަށެވެ.

ސޭލްސް ޓެކްސް ދެއްކުން ފަސްކޮށް، ވިޔަފާރި ލޯން ސްކީމް ފުޅާކޮށް އަދި ވެލްފެއާ ބަޖެޓް ބޮޑުކުރިކަން ވެސް ފިނޭންސް މިނިސްޓަރު ވަނީ އިއުލާން ކުރައްވައިފަ އެވެ.

ބޮޑު ވަޒީރު ޖޯންސަން ވަނީ އިނގިރޭސި ވިލާތުގައި ސޯޝަލް ޑިސްޓެންސިންގެ ފިޔަވަޅުތައް ވަރުގަދަކުރިކަން އިއުލާން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ކެފޭ/ރެސްޓޯރެންޓް އަދި ޕަބްތައް ބަންދުކުރުން ހިމެނެ އެވެ. ސިނަމާތަކާއި ތިއޭޓަރު އަދި ޖިމްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ސަރުކާރުގެ ފިޔަވަޅަށް ކޮންފެޑެރޭޝަން އޮފް ބްރިޓިޝް އިންޑަސްޓްރީން ވަނީ މަރުހަބާ ކިޔައިފަ އެވެ. ނަމަވެސް އަމިއްލަ މަސައްކަތް ކުރާ މީހުންނާއި ފްރީލާންސް މަސައްކަތްތެރިން ހިމެނިފައި ނުވާތީ ޔޫނިއަން އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.