ކޮވިޑް-19: ވައިރަހަކީ އެމެރިކާ އިން ދޫކުރި އެއްޗެއް ކަމަށް އީރާނުން ވެސް ތުހުމަތުކޮށްފި

ތެހެރާން (މާޗް 23) - ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮރޯނާވައިރަހަކީ އެމެރިކާ އިން އުފައްދާ ދޫކުރި އެއްޗެއް ކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ތުހުމަތު ކުރައްވައިފި އެވެ.


ޗައިނާގެ އޮފިޝަލަކު ވެސް ވަނީ ކޮރޯނާވައިރަހަކީ އެމެރިކާގެ އަސްކަރިއްޔާ އިން އުފައްދާ ޗައިނާ އަށް ދޫކުރި އެއްޗެއް ކަމަށް ކުރިން ވިދާޅުވެފަ އެވެ.

އުމުރުން 80 އަހަރުގެ ޚާމަނައީ ތުހުމަތު ކުރެއްވި ގޮތުގައި ނޮވެލް ކޮރޯނާވައިރަހަކީ އީރާނުގެ މީހުންގެ ޖެނެޓިކް ޑޭޓާ ހޯދައިގެން އީރާނަށް އަމާޒުކޮށް އެމެރިކާ އިން އުފެއްދި އެއްޗެކެވެ.

"އެމެރިކާ އިން މަސައްކަތްކޮށްފާނެ އީރާނަށް ޑޮކްޓަރުންނާއި ތެރަޕިސްޓުން ފޮނުވަން. އޭގެ ބޭނުމަކަށް ވެދާނެ އެ މީހުން އުފެއްދި ވިހަ އީރާން މީހުންނަށް ޖެހިފައި ވަނީ ކިހާވަރަށްތޯ ބެލުން ކަމަށް ވެސް،" ޚާމަނާއީ ވިދާޅުވި އެވެ.

ޚާމަނާއީ ވިދާޅުވީ އެމެރިކާ އަށް އިތުބާރު ކުރަން ނުވާނެ ކަމަށާއި އެ މީހުން އީރާނަށް ފޮނުވާ ބޭހަކީ އެ ބަލި އީރާނުގައި އިތުރަށް ފަތުރަފާނެ ބޭހަކަށް ވެސް ވެދާނެ ކަމަށެވެ.

ޚާމަނާއީ ކުރެއްވި ތުހުމަތަށް ބާރު ލިބޭ އެއްވެސް ހެއްކެއް އަދި ފެނިފައެއް ނުވެ އެވެ. ނަމަވެސް ޚާމަނާއީ މި މޭރުމުން ކޮމެންޓް ކުރެއްވުމުގެ ކުރިން ޗައިނާ ސަރުކާރުގެ ތަރުޖަމާނެއް ކަމަށްވާ ލިޖިއަން ޒާއޯ ވަނީ ކޮރޯނާވައިރަހަކީ އެމެރިކާ އިން އުފައްދާ ވޫހާން އަށް ދޫކުރި އެއްޗެއް ކަމަށް ވިދާޅުވެފަ އެވެ.

ވޫހާން އަކީ ކޮރޯނާވައިރަސް މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ސިޓީ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހަކަށް އައިސް ވަނީ ނޮވެލް ކޮރޯނާވައިރަސް "ޗައިނީޒް ނުވަތަ ވޫހާން ވައިރަސް"ގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

އީރާނުގެ 23،049 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިރު އޭގެ ތެރޭން 1،812 މީހުން ވަނީ މަރުވެފަ އެވެ.