ކޮވިޑް-19: އަލްއަގްސާ މިސްކިތުގެ ހަރިންމަ ވެސް ބަންދުކޮށްފި

ގުދުސް (މާޗް 24) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގެ ހަރިންމަތެރެއަށް ވަނުން ވެސް މަނާކޮށްފި އެވެ.


މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް މިސްކިތުގެ އެތެރެއަށް ވަނުން ކުރިން މަނާކުރި ނަމަވެސް ހަރިންމަ އޮތީ ހުޅުވާލައިފަ އެވެ. ނަމަވެސް އަގްސާ ބަލަހައްޓާ ވަގްފް އޮތޯރިޓީން ބުނީ މީގެ ފަހުން މިސްކިތުގެ އެއްވެސް ސަރަހައްދަކަށް ނުވަދެވޭނެ ކަމަށެވެ.

"މި ފިޔަވަޅު މިގޮތަށް އަޅަން ޖެހުނީތީ ހިތާމަކުރަން. އެކަމަކު އިންސާނުންގެ ރައްކާތެރިކަމަށްޓަކައި މިއީ، އިސްލާމީ ޝަރީއާއާ އެއްގޮތަށް އަޅަން މަޖްބޫރު ފިޔަވަޅެއް،" ވަގްފް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މުސްލިމުންގެ އެންމެ މުގައްދަސް ދެ މިސްކިތް ކަމަށްވާ މައްކާގެ ހަރަމްފުޅާއި މަދީނާގެ ހަރަމްފުޅު ވެސް މިހާރު ވަނީ އާއްމުންނަށް ބަންދުކޮށްފަ އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހަށް ޕޮޒިޓިވް 59 މީހުން ފަލަސްތީނުން މިހާތަނަށް ވަނީ ފެނިފަ އެވެ