ކޮވިޑް-19: އިނގިރޭސިވިލާތް ވެސް ލޮކްޑައުންގައި

ލަންޑަން (މާޗް 24) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިނގިރޭސި ވިލާތުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި އެވެ.


ބޮޑު ވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި ދެ މީހުންނަށްވުރެ ގިނައިން އެއްވެ ތިބުން މަނާކުރުމާއި ކަސްރަތު ކުރުމަށް ދުވާލަކު އެއް ފަހަރު ނޫނީ ގެއިން ބޭރަށް ނުކުތުން މަނާކުރުމާއި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއްގައި ނޫނީ އޮފީހަށް ދިއުން މަނާކުރުން ހިމެނެ އެވެ. ފިހާރަތައް ވެސް ހުޅުވޭނީ އަސާސީ ތަކެތި ވިއްކުމާއި ބޭސް ވިއްކުމަށް އެކަންޏެވެ. އަސާސީ ތަކެއްޗާއި ބޭސް ގަތުމަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ އޮވެ އެވެ. ކަސްރަތު ކުރެވޭނީ އެކަނި ނުވަތަ ގޭގައި ދިރިއުޅޭ މީހުންނާ އެކު އެވެ. އޮފީހަށް ދެވޭނީ ގޭގައި މަސައްކަތް ކުރެވެން ނެތް ހާލަތެއްގަ އެވެ.

ސަރުކާރުން އެންގި އެންގުންތަކާ ޚިލާފުވާ ފަރާތްތައް ހުއްޓުވައި ޖޫރިމަނާކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ.

ޖޯންސަން ވިދާޅުވީ ރައްޔިތުން ސަލާމަތް ކުރުމަށް މިހާރު މި ވަނީ މިއިން ޒަމާނަކު ނުދެކޭވަރުގެ ބޮޑު ކަމަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.

އިނގިރޭސި ވިލާތުގައި ފުރަތަމަ ފަހަރަށް މިހާރު ވަނީ ހުރިހާ މޯބައިލް ނެޓްވޯކްތަކަކުން ސަރުކާރުގެ މެސެޖްތައް ފޮނުވަން ފަށައިފަ އެވެ.

އިނގިރޭސި ވިލާތުން 6،650 މީހުން ޕޮޒިޓިވްވެ 335 މީހުން ވަނީ މަރުވެފަ އެވެ.