ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރު ޕޮޒިޓިވްވެއްޖެ

ލަންޑަން (މާޗް 27) - އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކޮރޯނާވައިރަހަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.


ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޖޯންސަންގެ ކިބައިން ފެނިފައި ވަނީ ކޮރޯނާވައިރަހުގެ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖޯންސަން މިހާރު ހުންނެވީ އެހެން މީހުންނާ އެކަހެރިވެވަޑައިގެން ކަމަށް ވެސް ބުނެފައިވެ އެވެ.

ބޮޑު ވަޒީރުގެ އޮފީހުން ބުނީ ޖޯންސަން ޓެސްޓްކޮށްފައި ވަނީ އިނގިރޭސި ވިލާތުގެ ޗީފް މެޑިކަލް އޮފިސަރު ޕްރޮފެސަރު ކްރިސް ވިޓީގެ ލަފާގެ މަތިންނެވެ.

ބޮޑު ވަޒީރު ޖޯންސަން އަށް ކޮވިޑް-19 ޖެހުނު ނަމަވެސް ސަރުކާރުގެ ހިންގެވުމުގެ އެންމެހައި ކަންކަމުގައި އެންމެ އިސް މަސްއޫލިއްޔަތު އަދާކުރައްވަނީ އެމަނިކުފާން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އިނގިރޭސި ވަލީ އަހުދު ޕްރިންސް ޗާލްސް ވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އިނގިރޭސި ވިލާތުން މިހާތަނަށް ވަނީ 11،658 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ގައުމުން ވަނީ 578 މީހުން މަރުވެފަ އެވެ.