ކޮވިޑް-19: އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ކަރަންޓީންކޮށްފި

ތެލް އަވީވް (މާޗް 31) - އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަރިހުގައި މަސައްކަތްކުރާ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނަތަންޔާހޫ ކަރަންޓީންކޮށްފި އެވެ.


ބޮޑު ވަޒީރުގެ އޮފީހުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަތަންޔާހޫ އާއި އޭނާގެ އާއިލާ އަދި އޮފީހުގެ ސްޓާފުން ކޮރޯނާވައިރަހަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި އެ އެންމެން ވެސް ނެގެޓިވް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ވަކި ގޮތަކަށް އިރުޝާދު ދެންދެން ނަތަންޔާހޫ ކަރަންޓީނުގައި ބަހައްޓަން ވަނީ ނިންމައިފަ އެވެ.

އެކަމަކު ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވަނީ ޕޮޒިޓިވްވި ސްޓާފްއާ ނަތަންޔާހޫ ޑައިރެކްޓް ކޮންޓެކްޓެއްވެފައި ނުވާ ކަމަށާއި އެހެންވެ އޭނާ ކަރަންޓީނުގައި ބަހައްޓަން ނުޖެހޭ ކަމަށެވެ. އަދި ވޭތުވެދިޔަ ހަފުތާތަކުގައި ގިނަ ބައްދަލުވުންތައް ނަތަންޔާހޫ ބާއްވާފައި ވަނީ ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.

ނަތަންޔާހޫ، 70، ކަރަންޓީން ކުރި އިރު އޭނާ ދަނީ އިޒްރޭލުގައި ސަރުކާރެއް އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ. ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން އިޒްރޭލުގައި ބޮޑު ވަޒީރުކަން ކުރާ ނަތަންޔާހޫގެ މައްޗަށް މިހާރު ވަނީ ކޮރަޕްޝަނުގެ ޝަރީއަތް ފަށައިފަ އެވެ. ނަމަވެސް ކޮރޯނާވައިރަހާ ގުޅިގެން އެ ޝަރީއަތް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.

އިޒްރޭލުން ވަނީ ކޮރޯނާވައިރަހަށް 4،695 މީހުން ޕޮޒިޓިވްވެ 18 މީހުން މަރުވެފަ އެވެ.