ކޮވިޑް-19: ހައްޖުގެ ތައްޔާރީތައް މަޑުޖައްސާލަން ސައުދީން އެދިއްޖެ

މައްކާ (އެޕްރީލް 1) - މުޅި ދުނިޔޭގައި ވެސް ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ކޮންޓްރޯލްވުމުގެ އުއްމީދު ލިބެންދެން މި އަހަރުގެ ހައްޖުގެ ތައްޔާރީތައް ނުވެ މަޑުކޮށްލުމަށް ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ސޯލިހު ތޯހިރު އެދިވަޑައިގެންފި އެވެ.


ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅެއްގެ ގޮތުން ސައުދީން މިދިޔަ މަހު ކުރީކޮޅު ވަނީ އުމްރާގެ އަޅުކަން ވެސް މެދުކަނޑާލައިފަ އެވެ.

"ހައްޖާއި އުމްރާ އަށް އަންނަ މީހުންނަށް ޚިދުމަތް ކުރުމަށް ސައުދީ އަރަބިއާ އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި. އެކަމަކު މިހާރު ދިމާވެފައިވާ ހާލަތުގައި ސައުދީ ސަރުކާރުން އެންމެ އިސްކަން ދެނީ މުސްލިމުންގެ ސިއްހީ ރައްކާތެރި ކަމަށް. އެހެންވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންގެ ކިބައިން މި އެދެނީ ހާލަތު ސާފުވަންދެން ހައްޖު އެއްބަސްވުންތައް ނުހަދާ މަޑުކޮށްލަ ދިނުމަށް،" މަސްޖިދުލް ހަރަމްގައި ހުންނަވައި ސައުދީގެ ހައްޖު މިނިސްޓަރު މުހައްމަދު ސޯލިހު ރަސްމީ ޓީވީ އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ސައުދީގެ ހައްޖު މިނިސްޓަރު އަލް އަރަބިއްޔާ އަށް ރޭ އިންޓަވިއު ދެއްވަނީ. --ފޮޓޯ:ސައުދީގެޒެޓް

ހައްޖު މިނިސްޓަރު ވަނީ ހައްޖާ މެދު ސައުދީން ނިންމާ ގޮތެއް ދުވަސް ކައިރިވާން ފެށުމުން އާއްމު ކުރާނެ ކަމަށެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖުލައި 30 ވަނަ ދުވަހަށެވެ.

ކޮންމެ އަހަރެއްގެ ވެސް ހައްޖުގެ އަޅުކަމުގައި ގާތްގަނޑަކަށް 2.5 މިލިއަން މީހުން ބައިވެރިވެ އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ސައުދީގައި މިހާރު ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފަ އެވެ. އަދި ދެ ހަރަމްފުޅަށް ވެސް އާއްމުކޮށް ވަނުން ވަނީ މަނާކޮށްފަ އެވެ.

ސައުދީން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 1،563 މީހުން ޕޮޒިޓިވްވެ 10 މީހުން މަރުވެފަ އެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި މީގެ ކުރިން ވެސް ވަނީ ބޮޑެތި ރޯގާތައް ފެތުރިފަ އެވެ. ސައުދީގައި 1821 ވަނަ އަހަރު ފެތުރުނު ކޮލެރާ ބަލިމަޑުކަމެއްގައި 20،000 ހައްޖުވެރިން މަރުވި އެވެ. އަދި 1865 ވަނަ އަހަރު ފެތުރުނު ކޮލެރާ ރޯގާގައި 15،000 ހައްޖުވެރިން މަރުވި އެވެ. ފަހުގެ ތާރީޚަށް ބަލާއިރު ސައުދީގައި ފެތުރުނު މާސް ރޯގާގެ ސަބަބުން ވެސް ހައްޖުގެ އަޅުކަމަށް ވަނީ އަސަރުކޮށްފަ އެވެ. އޭގެ ފަހުން ސައުދީން ވަނީ އާއްމު ސިއްހަތުގެ ފިޔަވަޅުތައް ހަރުދަނާކޮށްފަ އެވެ.