ކޮރޯނާވައިރަސް: ބޮޑު ހަނގުރާމަ އަށް ފަހު އެންމެ ބޮޑު ގޮންޖެހުން

ނިއު ޔޯކް (އެޕްރީލް 1) - މިހާރު މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮރޯނާވައިރަހަކީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ދުނިޔެ އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.


ކޮރޯނާވައިރަހުގެ އިގްތިސާދީ އަދި އިޖްމާއީ ގެއްލުމުގެ މައްޗަށް އދ. އިން ތައްޔާރުކުރި ރިޕޯޓް ނެރެދެއްވަމުން ގުޓަރޭޒް ވިދާޅުވީ އާ ވައިރަސް ގެންދަނީ މުޖްތަމައުތަކަށް ހަމަލާ ދެމުން ކަމަށެވެ.

"ކޮވިޑް-19 އަކީ އދ. އުފެދުނު ފަހުން ކުރިމަތިވި އެންމެ ބޮޑު އިމްތިހާން،" އދ.ގެ ހެޑްކުއާޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ގުޓަރޭޒް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވައި އެ ބަލިން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވި އެވެ. އަދި ސިނާއީ ގައުމުތަކުން ފަގީރު ގައުމުތަކަށް އެހީތެރިވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

އދ.ގެ ރިޕޯޓްގައި ލަފާކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން 25 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެ އެވެ. އަދި މުޅި ދުނިޔޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ފްލޯ 40 ޕަސެންޓް ދަށަށްދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދު އޮތް އެމެރިކާ މިހާރު ވަނީ، ކޮރޯނާވައިރަހާ ގުޅިގެން ހުއްޓިފަ އެވެ. އެ ގައުމުން 188،592 މީހުން ޕޮޒިޓިވްވިއިރު 4،056 މީހުން ވަނީ މަރުވެފަ އެވެ. އިގްތިސާދީ އަނެއް ބާރު ކަމަށްވާ ޗައިނާ އިން 81،554 މީހުން ޕޮޒިޓިވްވިރު 3،312 މީހުން ވަނީ މަރުވެފަ އެވެ.

ޔޫރަޕުން އިޓަލީ، ސްޕޭން، ފްރާންސް އަދި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގެ އިގްތިސާދު ވެސް ވަނީ ހުއްޓިފަ އެވެ. އިޓަލީން 105،792 މީހުން ޕޮޒިޓިވްވެ 12،428 މީހުން މަރުވި އިރު ސްޕޭނުން ވަނީ 95،923 މީހުން ޕޮޒިޓިވްވެ 8،464 މީހުން މަރުވެފަ އެވެ.