ކޮވިޑް-19: އިނގިރޭސި ވިލާތުން ފުރަތަމަ މަރުވި މުސްލިމް ހަތަރު ޑޮކްޓަރުންނަށް ތައުރީފް

ލަންޑަން (އެޕްރީލް 2) - ކޮރޯނާވައިރަހަށް ފަރުވާ ދިނުމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަނިކޮށް އެންމެ ފުރަތަމަ މަރުވި މުސްލިމް ހަތަރު ޑޮކްޓަރުންނަށް އެތައް ބައެއްގެ ލޯތްބާއި ތައުރީފް އޮހެން ފަށައިފި އެވެ.


ހަތަރު ޑޮކްޓަރުން ކަމަށްވާ އަލްފާ ސާދު، އަމްޖަދު އަލް ހަވްރާނީ، އާދިލް އަލް ތަޔާރު އަދި ހަބީބު ޒައިދީ ނިސްބަތްވަނީ އެފްރިކާ އާއި މެދުއިރުމަތި އަދި އޭޝިއާ ދަރިކޮޅަށެވެ.

ބްރިޓިޝް އިސްލާމިކް މެޑިކަލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޑރ. ސަލްމާން ވަގާރު ވިދާޅުވީ ހަތަރު ޑޮކްޓަރުން ކޮށްދީފައި ވަނީ އަގު ނުކުރެވޭ ވަރުގެ ޚިދުމަތްތަކެއް ކަމަށެވެ.

"އެ މީހުން ދުނިޔެ ދޫކޮށް އެ ދިޔައީ މި ބައްޔާ ދެކޮޅަށް ހަނގުރާމަކޮށް،" އޭނާ ވިދާޅުވި އެވެ.

އަމްޖަދު އަލް ހަވްރާނީ

ސޫދާނަށް އުފަން އަމްޖަދަކީ ކަރުން މަތީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެކެވެ. އެއްވެސް ބައްޔެއް ކުރިން ފާހަގަކުރެވިފައި ނުވާ ޑޮކްޓަރު މިދިޔަ އާދިއްތަ ދުވަހު ހޮސްޕިޓަލްގައި މަރުވި އިރު އުމަރަކީ 55 އަހަރެވެ. އަމްޖަދުގެ ރަހުމްތެރިން ވަނީ އޭނާގެ ހަނދާނުގައި ކްއީންސް ހޮސްޕިޓަލްގައި އެއް މިނިޓުގެ ސްކޫތެއް ގެނެސްފަ އެވެ.

ހަބީބު ޒައިދީ

އާއްމު ބަލިތަކަށް ޚާއްސަ ޒައިދީ އަކީ ޕާކިސްތާން ދަރިކޮޅު މީހެކެވެ. އޭނާ އިނގިރޭސި ވިލާތަށް ހިޖުރަކުރީ މީގެ 50 އަހަރު ކުރިންނެވެ. ކޮވިޑް-19 ގައި މިދިޔަ ބުދަ ދުވަހު އޭނާ މަރުވި އިރު އުމަރަކީ 76 އަހަރެވެ. ބަލިވެ އުޅޭތީ އޭނާ ވަނީ ހަފުތާއެއްހާ ދުވަހު އަމިއްލަ އަށް އެކަހެރިވެފަ އެވެ. ނަމަވެސް އޭގެ ފަހުން ވަނީ ހާލު ދެރަވާން ފެށުމުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އާދިލް އަލް ތަޔާރު

އޭނާ އަކީ ނޭޝަނަލް ހެލްތު ސާވިސްގެ އޮޕަރޭޝަން ޑޮކްޓަރެކެވެ. މާޗު 25 ވަނަ ދުވަހު މަރުވި އިރު އުމުރަކީ 64 އަހަރެވެ. ގުނަވަން ބަދަލުކުރުމަށް ޚާއްސަ ޑޮކްޓަރު ގްރެޖުއޭޓްވީ ޚަރްތޫމް ޔުނިވާސިޓީން 1982 ވަނަ އަހަރު އެވެ. އޭނާ ވަނީ ކޮރޯނާވައިރަހުގެ ބަލި މީހުންނަށް ވޮލަންޓިއަރެއްގެ ގޮތުގައި އިމަޖެންސީ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކޮށްފަ އެވެ.

އަލްފާ ސާދު

ނައިޖީރިއާ އަށް އުފަން ސާދު ނޭޝަނަލް ހެލްތު ސާވިސްގައި މަސައްކަތް ކުރާތާ 40 އަހަރު ވެއްޖެ އެވެ. ކޮވިޑް-19 އަށް ފަރުވާ ހޯދާތާ ދެ ހަފުތާ ފަހުން މިިދޔަ އަންގާރަ ދުވަހު އޭނާ މަރުވި އިރު އުމަރަކީ 68 އަހަރެވެ. އޭނާ ވަނީ ލަންޑަން ޔުނިވާސިޓީ ކޮލެޖް ހޮސްޕިޓަލް މެޑިކަލް ސްކޫލް 1976 ވަނަ އަހަރު ގުރެޖުއޭޓްވެ މެޑިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ރިޓަޔާ ކުރުމަށް ފަހު، ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނީ ވޮލަންޓިއަރެއްގެ ގޮތުގައި ނުކުންނަވަ އެވެ.